މ. ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެ ރަށުގައި ބަނދަރެއް ހައްދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ރަށު ރައްޔިތުންނާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރު އައިއިރު، ކުދިރަށްރަށަށް ވުރެ އާބާދީ ބޮޑު ރަށްތަކަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ނަމަވެސް، މި ސަރުކާރު އައުމަށްފަހު، އެއްވެސް ރަށެއް ތަފާތު ނުކޮށް ދިވެހިކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ރަތްމަންދޫގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެއްމަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ގެންދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. ރަތްމަންދޫއަކީ މ. އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށެވެ.

އެރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ދިމާވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެ އެވެ.

ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ރައީސް ސޯލިހު ވިދާޅުވީ، މިހާރު ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫއު ޑިސެމްބަރުމަހުގައި ނިމޭއިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހުގައި ނިމޭނެކަން އެ މަޝްރޫއު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައި ވާކަމަށެވެ.

މީގެ އިތުރުން ރަތްމަންދޫގައި ފުޓްސަލްދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ބީލަމުގެ މަރުޙަލާގައިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ރަތްމަންދޫ ފަދަ ރަށްރަށުގެ ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ވަރަށް މުހިއްމު ކަމަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކު، ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު، މ. އަތޮޅުގައި ވެސް ހައިސްޕީޑް ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، މިއީ އެމަނިކުފާނަށް ރަތްމަންދޫއަށް ޒިޔާރަތްކުރެއްވުނު އެންމެ ފުރަތަމަފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ރަތްމަންދޫގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި، ސަރުކާރުގެ ވަފުދަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ސޯލިހު ރަތްމަންދޫ ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ، މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުން އޮޅުންފިލުއްވަން ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވައި ދެއްވައި ހިންގަމުންދާ މަޝްރޫއުތަކާއި ކުރިޔަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ.

ރަތްމަންދޫއަކީ، މ އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮތް ރަށެވެ. މި ރަށުގެ ރަޖިސްޓްރީ އާބާދީއަކީ 231 އެވެ.