ރައްޔިތުންނަށް ޚިދުމަތެއް ދޭން ބޭނުންވާނަމަ، އެކަން ކުރެވޭނެކަން މިސަރުކާރުން ސާބިތުކޮށްދެމުން އަންނަކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެެ އެވެ.

މ. ވޭވަށު އައު އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު އެއް ބައިވެރިއަކީ ފެނަކަ ކޯޕަރޭޝަން ކަމަށެވެ. އަދި ކަމެއް ކުރަން ބޭނުންވީމަ ކުރެވޭނެ ކަމަށާ، ބަހަނާ ދައްކާ ފައިސާ އާއި މުވައްޒަފުން ނެތް ވާހަކައަކީ ހަމަޖެހޭ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަން ފެނަކައާއި އެމްޓީސީސީން ހާމަކޮށްދެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޭނުން ވަނީ އަމާޒަކަށް އެކީގައި ރަނގަޅު ވިސްނުމަކާއެކީގައި ކުރިއަށްދިއުން. އަޅުގަނޑަށް ހަމަ ޔަގީން ރައްޔިތުންނަށް ވެފައިވާ ޖަޒީރާ ތަރައްޤީގެ ވައުދުތައް ފުއްދުމަށް މި ދެކުންފުންޏާއެކީ ރައްޔިތުން ބޭނުންވާ މަންޒިލަށް ދެވޭނެކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

400 ކިލޯ ވޯޓުގެ ތިން ޖަނެރޭޓަރު ސެޓް ބެހެއްޓޭ ގޮތަށް ތަރައްގީކުރި، ވޭވަށު އައު އިންޖީނުގެއިން 20 ނުވަތަ 30 އަހަރު ވަންދެން އެއްވެސް ދައްޗެއްނެތި ޚިދަތް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރިން ފެނަކައާމެދު ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުވެއްޖެ ކަމަށް ވިދާޅުވި އެވެ. ކުރިން ރަށްރަށުގައި ޚިދުމަތް ދިނީ ރަށްކުރިއަރުވާ ކޮމިޓީ ނުވަތަ ކޮންމެ ވެސް ކުންފުންޏެއް ނުވަތަ ކައުންސިލްގެ އެހީގައި ކަމަށާއި، ނަމަވެސް ކައުންސިލްތަކާއި ކޮމިޓީތަކުން ހިންގި އިންޖީނުގެތައް ފެނަކައާ މިހާރު އުފަލުން ހަވާލުކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ކައުންސިލުން ޚިދުމަތް ދެނީ އެންމެ އިންޖީނުގެއަކުން ކަމަށާއި، އެއީ އުނގޫފާރު އިންޖީނުގެ އެކަނި ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި އުނގޫފާރު އިންޖީނުގެ ވެސް އަންނަ މަހު ފެނަކައާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންކަމުން އިންޖީނުގެތައް ދެން ހިންގާނީ ފެނަކަ އާއި ސްޓެލްކޯއިން ކަމަށާއި، މިއާއެކު ފެނަކައަށް އައު ޚިދުމަތްތައް ދޭން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭޣެ އެކި ކަންކޮޅުތަކުގައި ހުރި އައިސްޕްލާންޓްތައް ހިންގުން ސެޕްޓެމްބަރު މަހުން ފެށިގެން ފެނަކައިން ހަވާލުވާނެ ކަމަށާއި، މިވަގުތު މެދުކެނޑިފައި ހުރި އައިސްޕްލާންޓްތައް ވެސް ފެނަކައިން ޚިދުމަތް ދޭން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރު އައިރު ކަރަންޓުގެ ދަތިކަން ވަރަށް ބޮޑަށް ރަށްތަކުން އުފުލަމުންދިޔަ ކަމަށާ، ނަމަވެސް މިހާރު 140 ރަށަކަށް އައު އިންޖީނުގެ ފޯރުކޮށްދީ މުޅި ރާއްޖޭގެ ކަރަންޓް ފެނަކައިން، ބަދަލުކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރަށްރަށް ތަރައްގީކުރުމުގައި ތަފާތުނުކޮށް އަސާސީ ޚިދަތް ފޯރުކޮށްދިނުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކުރިއަށްދާނެކަން ރައީސް ތަކުރާރުކުރެއްވި އެވެ.

ރައީސް ވަނީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާއިން ވޭވަށް ބާކީ ނުކުރާނެ ކަމަށް ވިދާޅުވެ، އިތުރު ޚިދުމަތްތަކާއި ވަސީލަތް ކުރިއަށް އޮތްތަނުގައި ވެސް ވޭވަށުގައި ގާއިމުކޮށްދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފަ އެވެ.

ވޭވަށު އައު އިންޖީނުގެ ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވާލައްވާފަ އެވެ.