ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރޭގައި ޖާސޫސް ކުރަން އުޅުނު ދެ މީހަކު މިއަދު އަތުލައިގެންފި އެވެ.

"ހުރިހާ"އާ ވާހަކަދެއްކި މީހަކު ބުނީ ވީއައިއޭގެ ތެރޭގައި ބަޔަކު ޝައްކު ކުރެވޭ ގޮތަކަށް އުޅޭތީ އެމީހުން ހިފަހައްޓައި ބަލާ ފާސްކުރިއިރު އެ މީހުން ލައިގެން ތިބި ހެދުމުގައި ވަނީ ސިއްރު ކެމެރާ ހަރުކޮށްގެން ކަމަށެވެ. އަދި އެ ކެމެރާތަކުން އެ މީހުން ދިޔައީ ލައިވްކޮށް މަންޒަރު ދުރަށް ފޮނުވަމުން ކަމަށް ވެސް އެ މީހާ ބުންޏެވެ.

އެ ދެ މީހުން އަތުލައިގަތީ އެއާޕޯޓު ޑިއުޓީ ފްރީ ކައިރިން ކަމަށް ވެސް އެއާޕޯޓުގައި ހުރި މީހާ ބުންޏެވެ.

އެ އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓަނީ އެމްއެންޑީއެފް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުންނެވެ. އަދި ފުލުހުން ވެސް އެއާޕޯޓުގައި ހަރަކާތްތެރިވެ އެވެ.

އެ މައްސަލައާ ގުޅިގެން ނޫސްވެރިން ސުވާލުކުރަން ފެށުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އެެއާޕޯޓުން ދެ ބިދޭސީއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ނަަމަވެސް އެއީ ކޮން ގައުމެއްގެ ދެ މީހެއް ކަމެއް ފުލުހުން ނުބުންޏެވެ.