ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ބޯޑުން މުހައްމަދު އާސިފް (މޮންދު) އިސްތިއުފާ ދެއްވައިފި އެވެ.

މޮންދު ޕީއެސްއެމް ބޯޑަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.

މޮންދު ޕީއެސްއެމް ބޯޑުން އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެ އެވެ.

މޮންދު އާއި ހަވާލާދެއްވާ މީޑިއާތަކުގައި ބުނެފައިވަނީ ޕީއެސްއެމް ބޯޑުން އިސްތިއުފާ ދެއްވީ ޕީއެސްއެމް ބޯޑުގެ މަސައްކަތާއި މަސްލަހަތު ފުށުއަރާ، އެހެން މަސައްކަތެއް ކުރުމަށް ގަސްތު ކުރައްވާތީ، އެ މަސައްކަތް ކުރައްވަމުން ބޯޑްގައި އިނުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެނުލައްވާތީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޮންދު ވަރަށް އަވަހަށް ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓީވީގެ ހިންގުމާ ހަވާލުވާނެ އެވެ.

މޮންދު ވަނީ ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލު ކުރައްވައިފަ އެވެ.

މޮންދު މީޑިއާގައި ހިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް)އިންނެވެ. އެތަނުގައި 23 އަހަރު ހިދުމަތް ކުރެއްވި އެވެ. ދެހާސް ތޭރަ ވަނަ އަހަރު ޓީވީއެމްއިން ވަކިވެވަޑައިގެންނެވި އިރު މޮންދު އަކީ އެ ސްޓޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ)އެވެ.

ޓީވީއެމްއަށް ފަހު މޮންދު މަސައްކަތް ކުރައްވާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވީޓީވީގަ އެވެ. އެތަނުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާގު ހަތް އަހަރު ވަންދެން އަދާކުރެއްވުމަށްފަހު، 2019 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު އެ ސްޓޭޝަނުން ވަނީ ވަކިވެޑައިގެންފަ އެވެ.

މޮންދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.