ތުނބުޅި ބަހައްޓާފައި އަރަބި ވައްތަރުގެ ހެދުމެއްލިޔަސް އަދި ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ވީޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއު އެއްގަ އެވެ.

ރައީސް މައުމޫން ވިދާޅުވީ ސިފައަށް ގެންނަ ބަދަލާއި ލާ ފޭރާމަކީ މީހާ ދީނީ އިލްމުވެރިއަކަށް ވާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ޔުނިވާސިޓީއަކުން ވަކި މުއްދަތެއްވަންދެން ކިޔަވާލުމަށްފަހު އެނބުރި އައިސް، ތުނބުޅި ދިގުކޮށް އަރަބި ހެދުމެއް ލުމަކުން އަދި އެއީ ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ދީނީ އިލްމުވެރިއެއް ކަމަށް ނިންމަނީ އަމިއްލަ އަށްތޯއާއި އެކަން ނިންމާ ފަރާތަކީ ކޮބައިތޯ ވެސް ރައީސް މައުމޫން ސުވާލުކުރެއްވި އެވެ.

"ކޮބައިތޯ ދީނީ އިލްމުވެރިންނަކީ. ދީނީ އިލްމުވެރިއެކޭ ކިޔާ ޓައިޓަލް އެއް މި އޮންނަނީ. އެއީ ދީނީ އިލްމުވެރިއެއް މިއީ ދީނީ އިލްމުވެރިއެއް، އެޔެއް ނިންމާ ފަރާތަކީ ކޮބައިތޯ؟ އަމިއްލައަށްތޯ ނިންމާނީ ތިމަންނަ މިއީ ދީނީ އިލްމުވެރިއެކޭ؟ ކޮންމެވެސް ޔުނިވާސިޓީ އަކުން އެއްއަހަރު ދެއަހަރު ކިޔަވާލާފަ ދެން އޭނާގެ މަންޒަރަށް ބަދަލުތަކެއް ގެނެސްފަ. ތުނބުޅިއެއް ބަހައްޓާފަ، ދީނީ ވައްތަރުގެ، މިދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅައިގެން އުޅުނީމަ އެއީ ދީނީ އިލްމުވެރިއަކަށް ވީތޯ؟ އެއީ ދީނީ އިލްމުވެރިއަކަށް ވީކީ ނޫނޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިއަކަށްވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން މަތީ ފެންވަރަށް ތައުލީމު ޙާސިލްކޮށްގެން ތިބޭ މީހުން ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމާ ބެހޭ ގާނޫނު، ކިޔާ ގާނޫނެއް ހެއްދެވި ކަމަށާއި އެ ގާނޫނުގައި ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރު ގަބޫލުކުރާ އިސްލާމިކް ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީ ފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައެޅިފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވީމަ ކުއްލިއަކަށް މީހަކު ނުކުމެވަ ވާހަކަދެއްކީމަ އެއީ ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫނަކީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.