ޖަލުގައި ބަންދުކޮށްފައި ހުރި ފިރިމީހާ އަށް ކޮންޑަމްގައި މަސްތުވާތަކެތި ފޯރުކޮށްދިނުމަށް މަސައްކަތްކުރި އަންހެނެއްގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

މިއީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާފުށީ ޖަލުގައި އޮތް ފިރިމީހާއާ ބައްދަލު ކުރަން ޖަލަށް ދިޔަ އަންހެނަކު، އޭނާގެ ޖަންގިޔަލުގެ ތެރޭގައި ފޮރުވައިގެން ދެ ކޮންޑަމަށް މަސްތުވާތަކެތި އަޅައިގެން ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި މައްސަލައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުމްކޮށްފައިވަނީ އެ އަންހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތުނުވީ އަންހެނަކު ބަލައި ފާސްކުރަން ވާނީ އަންހެން ފުލުހެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާތީ އޭނާ ބަލައިބާސްކުރުމުގައި ފުލުހުން ގާނޫނާއި ހިލާފުވި ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުން އެ އަންހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި ހަމަ އޭރު އިސްތިއުނާފު ކޮށްފަ އެވެ.

ހައިކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދުވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލަން އަމުރުކޮށްފަ އެވެ.

ހައިކޯޓުގެ ޙުކުމުގައި ވަނީ އަންހެން ފުލުހަކު ނެތް ހާލަތެއްގައި ޑިއުޓީ އިންޗާޖް އަންގާ ކޮންމެ އަންހެނަކަށް ވެސް އަންހެނަކު ފާސްކުރެވިދާނެ ކަމަށް ފުލުހުންގެ ބާރުތައް ބަޔާންކޮށްފައިިވާ ގަވައިދުގައި އެބައޮތް ކަމަށެވެ. އަދި ޖަލަށް ވަންނަ މީހުން ފާސްކުރުމުގެ ބާރު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ވެސް ލިބިފައިވުމާއެކު ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން މެދުވެރިކޮށް އެއަންހެން މީހާގެ ހަށިގަނޑު ބަލައި ފާސްކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފު ކަމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާ، މުހައްމަދު ނިޔާޒް އަދި ހުސެއިން ޝަހީދުއެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ހުޒައިފާ މުހައްމަދެވެ. މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.