ބ. އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި، ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގަ އެވެ.
އޭދަފުށީގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު ހައްލުކުރަން ބޭނުންވާ މައްސަލަތައް ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތްކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތުކުރަން ބޭނުންވެފައިވާކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތް ދުވަސްވެ ބާވެފައި ހުރުމުން ކުރިމަތިވާ ދަތިތަކާއި އަދި ބ. އަތޮޅު ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާކަންކަން ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ރަށުގެ މަގުހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި މިހާރު ނުހަދާހުރި މަގުތައް ތަރައްގީކުރަން ބޭނުންވާކަމާއި އަދި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެރަށަށް ހޭންޑްބޯލް ކޯޓެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އޭދަފުށީ ކައުންސިލާއެކު މީގެ ކުރިން އެމަނިކުފާނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން ސަރުކާރުން މިހާރު ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މިއަދު އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.