ކާބުލް (05 ސެޕްޓެމްބަރު) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ރަޝިއާގެ އެމްބަސީ ކައިރީގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން މަސައްކަތް ކޮށްފި އެވެ.

ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން ހުރި މީހަކު ބޮން އެކްޓިވޭޓްކޮށް އެމްބަސީގެ ގޭޓްއާ ކައިރިވަނިކޮށް އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ތާލިބާންގެ އޮފިޝަލުން ވަނީ އޭނާ ފާހަގަކޮށް ބަޑިޖަހައި މަރާލާފަ އެވެ.

"ބޮން ހަރުކޮށްގެން ހުރި މީހާ އެމްބަސީ ތެރެއަށް ނުވަންނަނީސް ގާޑުން ވަނީ އޭނާ ފާހަގަކޮށް މަރާލާފައި،" ހަމަލާ ދޭން އުޅުނު ސަރަހައްދުގެ ފުލުހުންގެ އިސްވެރިޔާ ރޮއިޓާސްއަށް މައުލޫމާތު ދިނެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި އިތުރު އެހެން މީހަކު މަރުވި ކަމެއް ނުވަތަ އަނިޔާވި ކަމުގެ ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ހާމަކުރެ އެވެ.

ރަޝިއާއަކީ ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރަށް ވެރިވެގަތުމަށްފަހު އެގައުމުގައި އެމްބަސީއެއް ހިންގަމުން އަންނަ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

ރަޝިއާއިން އަފްޣާނިސްތާނުގައި ގާއިމުކުރި ތާލިބާންގެ ސަރުކާރު ރަސްމީކޮށް ބަލައިގަނެފައި ނުވި ނަމަވެސް ދެގައުމުގެ ދެމެދުގައި ގޭހާއި އެހެނިހެން މުދާ ބަދަލުކުރުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. -- އަލް އަރަބިއްޔާ