އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން މާކަލް އިނގިރޭސި ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައްޕާފުޅު ޕްރިންސް ޗާލްސްއާއެކު ހުންނެވުމަށް ދެއްވި ދައުވަތަށް އޭނާ ފުރަގަސްދީފި އެވެ.
މި ދަތުރުފުޅާ ގުޅިގެން ޗާލްސް ވަނީ ބެލްމޯރަލް އެސްޓޭޓްގައި ހުންނަ ޗުއްޓީ ހޭދަކުރާ ގޭގައި ހުންނެވުމަށް ހެރީގެ ދެކަނބަލުންނަށް ދައުވަތު ދެއްވައި އެދެމީހުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް ބައްޕާފުޅުގެ ދައުވަތު ގަބޫލު ނުކުރައްވައި ޕްރިންސް ހެރީ ވަނީ ދަތުރުފުޅުގައި މަޑުކުރައްވާނެ އެހެން ތަނެއް ހަމަޖައްސަވާފަ އެވެ.
ޗެރިޓީ ދެ އިވެންޓެއް ބައިވެރިވުމަށް ހެރީގެ ދެކަނބަލުން އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވާއިރު މިއީ ޝާހީ އާއިލާއާ ވަކިވިފަހުން އެ ދެކަނބަލުން އަމިއްލަ ގައުމަށް ވަޑައިގެން މިހާ ހަރަކާތްތެރިކޮށް އުޅުއްވާ ފުރަތަމަ ފަހަރެވެ.
ހެރީއާއި މޭގަންގެ ފެނިލުންތަކުގައި ވަރުގަދަ ސެކިއުރިޓީއެއް ހަމަޖައްސައި ދިނުމަށް އެ ދެމީހުން ވަނީ އަމިއްލަ ސެކިއުރިޓީ ކުންފުނިތަކުގައި އެދިފަ އެވެ.
އިނގިރޭސި ވިލާތަށް ވަޑައިގަތް ނަމަވެސް ޝާހީ އާއިލާގެ އެއްވެސް ބޭފުޅަކާ ހެރީ ބައްދަލު ކުރެއްވުން ނާދިރު ކަމަށް އެތެރޭގެ މަސްދަރުތަކުން ބުނެ އެވެ.