(3 ޑިސެމްބަރު) - ސޯލާ ސިސްޓަމްގެ އެންމެ ބޮޑު ދެ ޕްލެނެޓް ކަމަށްވާ ޖުޕިޓަ "މުޝްތަރީ" އަދި ސެޓާން "ޒުހުލު" ޒަމާން ތަކަކަށްފަހު އެންމެ ކައިރިން ދަތުރުކުރާނެ އަހަރަކަށް މިއަހަރު ވެގެންދާނެ ކަމަށް ސައިންޓިސްޓުން ބުނެފި އެވެ.
ސައިންޓިސްޓުން ބުނި ގޮތުގައި މިމަހު 25 އާއި ހަމަޔަށް މި ދެޕްލެނެޓް ކައިރި ވަމުންދާތަން ފެންނާނެ އެވެ. އަދި މިމަހު 21 ވިލޭރޭ ވެގެންދާނީ މި ދެ ޕްލެނެޓް އެންމެ ކައިރިން ދަތުރުކުރާނެ ރޭ ކަމަށާއި އަދި މިއީ ވަރަށް މަދުން ނޫނީ ދިމާނުވާނެ ކަމެއް ކަމަށް ސައިންޓިސްޓުން ބުންޏެވެ. މިފަދަ ގޮތަކަށް ދެ ޕްލެނެޓް ކައިރިވާނީ ކޮންމެ 20 އަހަރަކުން ކަމަށާއި ނަމަވެސް މިފަހަރު ވެގެންދާނީ ވަރަށް ހާއްސަ ފަހަރެއް ކަމަށް ސައިންވެރިން ބުނެ އެވެ. ސަބަބަކީ މިހާ ކައިރިން މި ދެ ޕްލެނެޓް އެންމެ ފަހުން ދަތުރުކޮށްފައިވާ 4 މާޗް 1226 ވަނަ އަހަރު ކަމަށްވާތީ އެވެ.
"ޓެލެސްކޯޕް ބޭނުންކޮށްގެން ރޭގަނޑު ތަރިތައް ބަލާ މީހެއްނަމަ ފާހަގަ ވާނެ ކޮންމެ ރެއަކު މި ދެ ޕްލެނެޓް މަޑުމަޑުން ކައިރިވާ މަންޒަރު. ޑިސެމްބަރު 21 ވަނަ ރޭ މި ދެ ޕްލެނެޓް ފެންނާނީ އެއްލައިނެއްގައި ބޮޑު އެއް ޕްލެނެޓްގެ ގޮތުގައި. އުންމީދަކީ އެރެއަކީ އުޑުމަތި ސާފު ރެއަކަށްވުން،" ރައިސް ޔުނިވާސިޓީގެ އެސްޓްރޮނޮމީ އެންޑް ޕްރޮފެސަ އޮފް ފިޒިކްސް އެންޑް އެސްޓްރޮނޮމީ ޕެޓްރިކް ހާޓިގަން ވިދާޅުވި އެވެ.
ހާޓިގަން ވިދާޅުވިގޮތުގައި މިފަދަ ގޮތަކަށް މި ދެ ޕްލެނެޓް ދެން ކައިރިވާ މަންޒަރު 15 މާޗް 2080 ވަނަ އަހަރުގެ ކުރިން ނުފެންނާނެ ކަމަށާއި އަދި އޭގެ ފަހުން ދެން ފެންނާނީ 2400 ވަނަ އަހަރު އެވެ. ބަލާބެލުމަށް މި ދެ ޕްލެނެޓް ކައިރިން ދަތުރުކުރާހެން ހީވިޔަސް އަސްލު މި ޕްލެނެޓްގެ ދެމެދުގައި އެތައް ސަތޭކަ މިލިއަން މޭލު ހުންނާނެ އެވެ. -- ސީއެންއެން