ލަންޑަން (06 ސެޕްޓެމްބަރު) އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރަކު ހޮވުމުގެ ރޭހުގައި އިންޑިއާ ނަސްލުގެ ރިޝީ ސުނަކް ފަހަތަށް ޖައްސާލައި އޭނާގެ ވާދަވެރިޔާ ލިޒް ޓްރޫސް ކުރި ހޯއްދަވައިފި އެވެ.

އިނގިރޭސި ވިލާތުގެ ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީން ބުނީ ބޮޑުވަޒީރަކު އައްޔަން ކުރުމަށް ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބު 20،927 ވޯޓުގެ ތަފާތުން ލިޒް ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.

ކުރީގެ ފޮރިން މިނިސްޓަރު ލިޒް ޓްރޫސް ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނަކްއާ އެވެ. ރިޝީއަކީ އިންޑިއާ ނަސްލުގެ އިނގިރޭސި ރައްޔިތެކެވެ.

"އަހަރެމެން ވައުދުވި ކަންކަން ކުރެވޭނެކަން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދައްކަން ޖެހޭ. ޓެކްސްގެ ނިޒާމެއް ގާއިމުކޮށް ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވަން މަސައްކަތް ކުރާނަން،" ނަތީޖާ އަށް ފަހު ވާހަކަ ދައްކަވަމުން ލިޒް ވިދާޅުވި އެވެ.

އާ ބޮޑުވަޒީރަކަށް ލިޒް އިންތިހާބުވުމާ އެކު މިހާރު މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން ރަސްމީ ގޮތުން މަގާމުން އިސްތިއުފާ ދެއްވުމަށް އެ ގައުމުގެ ރާނީގެ އަރިހަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޮރިސް ޖޯންސަންގެ ހިންގުމުގެ ދަށުން ގައުމުގެ ކަންކަން ބޮއްސުން ލަމުން ދާތީ ކުރިމަތިވަމުން ދިޔަ ފިއްތުންތަކާ އެކު މިދިޔަ ޖުލައި މަހު އިސްތިއުފާ ދެއްވާނެކަން ހާމަކުރި ނަމަވެސް މިހާތަނަށް ރަސްމީ ގޮތުން އެކަން އިއުލާން ކުރައްވައިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ