ޓްރެފިކްގެ ސަބަބުން އިންޑިއާގެ ސަރަހައްދެއް ކަމަށްވާ ބެންގަލޫރުގައި ހިންގަމުން އަންނަ ގިނަ އައިޓީ ކުންފުނިތަކަކަށް 225 ކްރޯޑް ރުޕީސްގެ ގެއްލުން ވެފައިވާ ކަމަށް ބުނެފި އެވެ.

ދަ އައުޓާ ރިންގް ރޯޑް އެސޯސިއޭޝަންއިން އެ ސަރަހައްދުގެ ޗީފް މިނިސްޓަރު ބޮސަވަރަޖް ބޮއްމައިއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޓްރެފިކްގައި ފަސް ގަޑިއިރު ވަންދެން ތާށިވެ މުވައްޒަފުންނަށް އޮފީހަށް ނުދެވުމުން ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

"އޯއާރްއާރް މަގުތަކުގެ ޓްރެފިކްގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި،" އެ ސިޓީގައިވެ އެވެ.

ބެންގަލޫރުގެ އައުޓާ ރިންގް ރޯޑަކީ އެ ޑިސްޓްރިކްޓްގެ ގިނަ ސަރަހައްދުތަކެއް ގުޅުވައިދޭ މައި ހައިވޭ އެވެ. 17 ކިލޯމީޓަރުގެ ދިގު މި ހައިވޭ ކޮންމެ ދުވަހަކު ވެސް ބައި މިލިއަނެއްހާ މީހުން ބޭނުންކުރާއިރު އޭގެ ތެރެއިން ގިނައީ އޮފީސްތަކުގެ މުވައްޒަފުންނެވެ.

"މި ސަރަހައްދުގެ އުމްރާނީ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތުމަކީ ހިތާމަހުރި ކަމެއް،" ސިޓީގައި ބުނެފައިވެ އެވެ.

ކަންތައް މިހެން ހުންނަ ނަމަ ކުންފުނިތަކުން އެ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވެދާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށާއި އެއީ ސަރަހައްދީ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެ ކަަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

އިންޑިއާއަށް މިފަހުން ކުރި ވިއްސާރައަށްފަހު ބޮއްމައި ވަނީ ބެންގަލޫރުގެ އައުޓާ ރިންގް ރޯޑު ހިމެނޭ ސަރަހައްދަށް ޒިޔާރަތްކޮށް އެ ސަރަހައްދުގެ އިޖުތިމާއީ އަދި މަދަނީ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.