ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ ބުނާތީ އަޑު އަހަމެވެ. އެމީހެއްގެ ދިރިއުޅުން ރަނގަޅުވާނީ އެމީހަކު އެކަމަށް ގަދައަޅާ ކުރި މަސައްކަތަކުންނެވެ.
ބިކަ ހާލާއި ދެރަ ނަސީބުގެ ތަގުދީރަކީ ވަކި ފަރާތަކުން ކަނޑައަޅުއްވާ އެއްޗެއް ކަމަށް ބުނެ އަތް އުރާލައިގެން ތިބޭ މީހުންނަށް މި މީހާ ބުނެދެނީ ތަފާތު ވާހަކަ އެކެވެ. ގަދަ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ދިރިއުޅުން މުޅިން ބަދަލު ކޮށްލެވިދާނެކަން މި މީހާ ވަނީ ދައްކައިދީފަ އެވެ.
މިހާރު އުމުރުން 42 އަހަރުގެ ޑޭވިޑް އެމްބްރޯޒްއަކީ ޅަފަތުގެ ދުވަސްތައް އޭގެ އެންމެ ފޮނިމީރު ގޮތުގައި ތަޖުރިބާކުރި މީހެކޭ ބުނެވޭކަށް ނެތެވެ. ނަފްސާނީ ބަލި ހުރި މައަކާއެކު އުމުރުގެ ފުރަތަމަ 11 އަހަރު ޑޭވިޑް ހޭދަކުރީ މަގުތަކާއި އާއްމު ތަންތަނުގަ އެވެ.
އެހެން ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން ޑޭވިޑް ވަނީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާފަ އެެވެ. މިއަދު އޭނާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ އެމޭޒަންގެ ޒިންމާދާރު މަގާމެއްގައި ހުރި އެކުންފުނީގެ އެގްޒެކްޓިވް އެކެވެ.
ޑޭވިޑް އޭނާގެ ކުޑައިރުގެ ހަނދާންތައް ހިއްސާކުރަމުން ބުނީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިން ނިދާ އުޅުނީ ނިއު ޔޯކްގެ ޕާކުތަކާއި މަގުތައް ފަދަ އާއްމު ތަންތަނުގައި ކަމަށާއި ފެންވަރައި އުޅުނީ ރެސްޓޯރެންޓުތަކުގެ ފާހާނާތަކުން ކަމަށެވެ.
"އަހަރުމެންނަށް ކާއެއްޗެއް ލިބުން ނުވަތަ ނުލިބުން ބިނާވެފައި އޮންނަނީ ބީރައްޓެހިންގެ ދީލަތިކަމުގެ މައްޗަށް" ޑޭވިޑް ބުންޏެވެ.
ނަމަވެސް އެ ހާލުގައި އުޅުނު އިރު ވެސް ކޮންމެވެސް ދުވަހަކުން މި ނޫން ދުވަހެއް ފެންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި އެ ހާލަތުން އަރައިގަތުމަށް ހިތުގައި އަޒުމެއް އޮތް ކަމަށް ޑޭވިޑް ބުނެފައިވެ އެވެ.
އެ އަޒުމުގައި ހުއްޓާ އުމުރުން 12 އަހަރުގައި އޭނާއާ ހަވާލުވީ އޯގާތެރި ހެޔޮ އާއިލާ އެކެވެ. އެއާއިލާގެ ބެލުމުގެ ދަށުން ސަރުކާރު އެހީ ލިބި އޭނާގެ ތައުލީމު ފުރިހަމަކުރީ ސްޕެއިންއިންނެވެ. މިދުވަސްވަރު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އިންޓާންޝިޕްއެއް ފުރިހަމަ ކުރުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ.
"ހޮލީ (ޑޭވިޑްއާ ހަވާލުވި މީހާ) އަހަރެންގެ ދިރިއުޅުން މުޅިން ބަދަލު ކޮށްލި"
ސްޕެއިންއިން ގްރެޖުއޭޓް ވުމަށްފަހު އެނބުރި ގައުމަށް އައިސް ޑޭވިޑް ވަޒީފާ އަދާކުރަން ފެށީ ޑިޒްނީގަ އެވެ. އަދި އެއަށްފަހު އެމޭޒަންއާ ގުޅި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުން އައިސް މިއަދު އޭނާއަކީ އެމޭޒަންގެ އެކްސްޓާނަލް އެފެއާޒްގެ އިސް ވެރިޔާ އެވެ.
ޑޭވިޑް ބުނީ ފަގީރުކަމުން އަރައިގަތުމަށް އޭނާގެ ހަތިޔާރަކަށްވީ ތައުލީމު ކަމަށާއި ތައުލީމަކީ ރަނގަޅު ދިރިއުޅުމެއްގެ އެންމެ ފުރަތަމަ އަސާސް ކަން އޭނާގެ ދިރިއުޅުމުން އެނގޭނެ ކަމަށެވެ.