ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަދި ކުރިއަރަމުން އަންނަ ބަތަލާ އާތިޔާ ޝެޓީ އާއި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލް އާ މިއަހަރު ފަހުކޮޅު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފްވި އާތިޔާ އާއި ކޭއެލް ރާހޫލް ރައްޓެހިވެގެން އުޅާތާ މިހާރު ތިން އަހަރު ވަނީ ވެފަ އެވެ.
އެ ދެ މީހުންގެ ކައިވެއްޏާ ބެހޭ ގޮތުން ސުނިލް ޝެޓީ އެންމެ ފަހު މީޑިއާއަށް ދިން އިއްޓަވިއުއްގައި ބުނެފައިވަނީ އާތިޔާ އާއި ރާހޫލް ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅާނީ އެ ދެމީހުން ކަމަށެވެ. އެ މީހުންގެ ބިޒީ ޝެޑިއުލުން ވަގުތު ހުސްކޮށްގެން ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ވެސް ސުނިލް ޝެޓީ ވަނީ ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާތިޔާ އާއި ރާހުލްގެ ކައިވެނި މިއަހަރު ފަހު ކޮޅު ނޫނީ އަންނަ އަހަރުގެ ކުރީ ކޮޅު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އަގުބޮޑު ހޮޓެލެއްގައި ކައިވެނި ކުރުމުގެ ބަދަލުގައި އާތިޔާއާއި ރާހުލު ކައިވެނިކުރުމަށް ނިންމާފައި ވަނީ ކަންޑާލާގައި ހުރި ސުނިލް ޝެޓީގެ ގެ ''ޖަހާން'' ގަ އެވެ.
ބޮޑު ހަފުލާއެއް ބޭއްވުމުގެ ބަދަލުގައި އާތިޔާއާއި ރާހުލް ކައިވެނި ކުރުމަށް ނިންމާފައިވަނީ ދެ ފަރާތުގެ އާއިލާއާއި ގާތް ރަހުމަތްތެރިންގެ މެދުގައި ބޭއްވޭ ކުޑަ ހަފުލާއެއްގަ އެވެ.
އާތިޔާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ ފިލުމު ''ހީރޯ'' އެވެ. މީގެ އިތުރުން "މޯޓިޗޫރް ޗަކްނަޗޫރް''، ''މުބާރަކާން''، ތަޅަޕް''، އަދި ''ނަވާބްޒާދޭ'' ހިމެނެ އެވެ.