ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވަޢުދުގައިވާ އިންޓެގްރޭޓަޑް ޓްރާންސްޕޯޓް ނެޓްވޯކްގެ ކަންކަމުގެ ތެރޭގައި ހިމެނޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ ޒޯން 1 ގެ މަސައްކަތް ސަރުކާރުން އެއްކޮށް ނިންމާލުމާއި، މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން ކެބިނެޓުގެ ވަޒީރުންނާއި، ރައީސް އޮފީހުގެ އިސްވެރިންނާއި، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންދެވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ވަނީ ހާއްސަ ޕްރެޒެންޓޭޝަންތަކެއް ހުށައަޅުއްވާފަ އެވެ.

މި ޕްރެޒެންޓޭޝަންތައް ބިނާކޮށްފައިވަނީ އާރްޓީއެލް ފެރީގެ ހިދުމަތާއި، މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތަކުގެ މައްޗަށެވެ.

މިގޮތުން، އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ ޒޯންތަކަކަށް ބަހާލައިގެން ތިން މަރުޙަލާއެއްގައި ކަމަށާއި، އަދި ޒޯން 1 ގައި ހިމެނޭ ހއ، ހދ، ށ، އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން މި ހިދުމަތުގެ ދެވަނަ މަރުޙަލާ އަދި ތިން ވަނަ މަރުޙަލާގެ މަސައްކަތްތައް ތަންފީޒުކުރާނެގޮތުގެ އިތުރު މަޢުލޫމާތު ވަނީ ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރައީސް ވަޢުދާ އެއްގޮތަށް މާލޭގައި ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުމާއި ތަރުޙީބު ލިބެމުންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މި ހިދުމަތްތައް އިތުރަށް ކާމިޔާބުކަމާއެކު ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.