މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއެކު ހެދި "ޑީލް"ގެ ދަށުން، 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ޒިޔަތުވަނީ އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ދައުލަތާއެކު ހަދައި އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އިއުތިރާފްވެފަ އެވެ. އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގުޅިގެން ޒިޔަތުގެ މައްޗަށް އުފުލި އެވެ.

އެ ކުންފުނި މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިިވިކަމަށް ޒިޔަތަށް ތުހުމަތުކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރަ އެވެ.

ޒިޔަތުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް

  1. ވަނަ ދައުވާ - 5 އަހަރާއި 7 މަސް
  2. ވަނަ ދައުވާ - 3 އަހަރާއި 2 މަހާއި 12 ދުވަސް
  3. ވަނަ ދައުވާ - 1 އަހަރާއި 7 މަސް
  4. ވަނަ ދައުވާ - 9 މަހާއި 18 ދުވަސް
  5. ވަނަ ދައުވާ - 4 މަހާއި 24 ދުވަސް
  6. ވަނަ ދައުވާ - 2 މަހާއި 12 ދުވަސް
  7. ވަނަ ދައުވާ - 1 މަހާއި 6 ދުވަސް
  8. ވަނަ ދައުވާ - 18 ދުވަސް
  9. ވަނަ ދައުވާ - 09 ދުވަސް
  10. ވަނަ ދައުވާ - 04 ދުވަސް
  11. ވަނަ ދައުވާ - 02 ދުވަސް
  12. ވަނަ ދައުވާ - 01 ދުވަސް

ޒިޔަތުގެ މައްޗަށް ކުރާ ކޮންމެ ދައުވާއެއްގެ ހުކުމަކީ 7 އަހަރާއި 2 މަހާއި 12 ދުވަހެވެ.

އާ ގާނޫނުލް އުގޫބާތުގެ 1،006 ވަނަ މާއްދާގެ ދަށުން އެއް ދައުވާ އަށް ވުރެ ގިނަ ދައުވާތައް ކުރާނަމަ ދެން ކުރާ ދައުވާގެ ހުކުމަކަށް ވާނީ ފުރަތަމަ ކުރާ ދައުވާގެ ދެބައިކުޅަ އެއްބަޔެވެ. އަދި އޭގެފަހަށް އަންނަ ދައުވާގެ ހުކުމަކީ ފުރަތަމަ ދައުވާގެ ހުކުމުގެ ހަތަރުބައިކުޅަ އެއްބައެވެ. މި އުސޫލުން ޒިޔަތުގެ މައްޗަށް ކުރާ 12 ވަނަ ދައުވާގެ ހުކުމަކީ އެއް ދުވަހަށް ޖަލަށް ލުމެވެ. އަދި ބާކީ 20 ދައުވާއަށް މި މާއްދާގެ ދަށުން ހުކުމެއް ނާންނާނެއެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު ގެންދަނީ ތަންފީޒުކުރަމުންނެވެ.

ޒިޔަތު 32 ދައުވާއަށް އިއުތިރާފްވެފައި ވަނީ ޅ. މާބިންހުރާގެ މައްސަލާގައި 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ. މިމަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. މުހައްމަދު އިބްރާހީމް ވަނީ ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފަ އެވެ.

ޒިޔަތު ބުނީ އެއީ އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއް ކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވެސް ވަނީ ދައުވާތަކަށް ކުރިން އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާތަކަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ޒިޔަތު މިހާރުވެސް ގެންދަނީ ތަންފީޒުކުރަމުންނެވެ. އަދި ހޯމް މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން ޒިޔަތު ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.