1990 ވަނަ އަހަރު ނެރުނު "އާޝިކީ" އަކީ ބެލުންތެރިން މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ފިލްމެކެވެ. އަދި މިފިލްމުގެ ދެ ވަނަ ބަޔަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފަ އެވެ. މިހާރު އަނެއްކާވެސް މިދުވަސްވަރު މިވަނީ "އާޝިކީ 3" ގެ އަޑު ގަދަވެގެން ގޮސްފަ އެވެ.
ކުރީގެ ދެ ފިލްމުގެ ކާމިޔާބީއަށް ފަހު މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން "އާޝިކީ 3" އުފެއްދުމަށް ނިންމާ، މިފިލްމުގެ ލީޑު ފިރިހެން ތަރިއަކަށް މިހާރު އެންމެ ޑިމާންޓް ބޮޑު އެއް ތަރިން ކާތިކް އާރިޔަން ވަނީ ހަމަޖައްސާފަ އެވެ. މިފަހަރުގެ ފިލްމު ޑައިރެކްޓްކުރަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ އަނޫރާގު ބާސޫ އެވެ.
އަދި އޭގެ ބަތަލަކީ ކޮބައިކަން އިއުލާންކުރުން ފިޔަވައި އޭގެ އިތުރު އެއްވެސް ތަފުސީލެއް ފިލްމުގެ ޓީމަކުން ނުދެ އެވެ.
އެހެން ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފިލްމުގެ ބަތަލާގެ ގޮތުގައި ޖެނިފާ ވިންގޭޓް ނުވަތަ ޝްރަދާ ކަޕޫރު ފެނިގެން ގޮސްދާނެ އެވެ.
ޝްރަދާ ކަޕޫރު ވަނީ "އާޝިކީ 2" އަކުން ފެނިގެން ގޮސްފަ އެވެ.
ފިލްމު އުފައްދާ ޓީމުން ފިލްމުގައި ބައިވެރިވާ އެހެން ތަރިންނާ ބެހޭ މައުލޫމާތެއް އަދި ހިއްސާކޮށްފައިނުވެ އެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް ފިލްމުގެ ބަތަލާ ޓީމުން އިއުލާނު ކުރާނެ އެވެ.
"ކާސްޓް ފައިނަލްކުރުމުގެ ކުރިން މި ފިލްމާ ގުޅޭ ގޮތުން ކުރަން ޖެހޭ އެހެން ކަންތައްތަތަކެއް އަދި އެބަހުރި. އެކަންކަމުގައި އަހަރެމެން މި ވަގުތު މި އުޅެނީ،" އަނޫރާގް ބުންޏެވެ.
ދާދި ފަހުން ކާތިކް ވަނީ "އާޝިކީ 3" ގެ ފުރަތަމަ ލޫކް ވެސް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
2002 ވަނަ އަހަރު ޑައިރެކްޓުކުރަންފެށި އަނޫރާގްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ލައިފް އިން އަ މެޓްރޯ"، "ކައިޓްސް"، "ގޭންގްސްޓާ" އަދި "މާޑާ" ހިމެނެ އެވެ. އާނޫރާގްގެ އެންމެ ފަހުގެ ފިލްމަކީ 2020 ވަނަ އަހަރު ނެޓްފްލިކްސްއިން ދައްކަންފެށި އެންތޮލޮޖީ "ލޫޑޯ" އެވެ.
ކާރްތިކް ވަނީ ދާދި ފަހުން ސާޖިދު ނާދިއަދުވާލާ އާއި ކަބީރު ޚާން ފަދަ ޑައިރެކްޓަރުންނާއިއެކުވެސް ފިލްމުތަކެއްގައި ސޮއިކޮށްފައެވެ. މިދިޔަ މެއި މަހު ފަހުކޮޅު ރިލީޒްކުރި ކާތިކްގެ "ބޫލް ބުލައްޔާ 2" ގެ ބޮޑު ކާމިޔާބީއަށްފަހު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "ޝެހެޒާދާ" އިންނެވެ.
މިދިޔަ މެއި މަހު ރިލީޒްކުރި ކާތިކްގެ "ބޫލް ބުލައްޔާ 2" ގެ ކާމިޔާބީއަށްފަހު އޭގެ 3 ވަނަ ބަޔަށްވެސް ކާތިކް ނަގާ ވާހަކަ މީގެކުރިން ވަނީ އިވިފަ އެވެ.