ޓިރާނާ (08 ސެޕްޓެމްބަރު) - މިދިޔަ ޖުލައި މަހު އަލްބޭނިއާގެ އެކި ވެބްސައިޓްތަކާއި ސާވާތަކަށް ކުރިމަމަތިވި ސައިބާ އެޓޭކްގެ މައްސަލާގައި އީރާން ހޫނުފެނަށް ވެއްޓިއްޖެ އެވެ.

މި މައްސަލައިގެ ތަހުގީގުން މިކަމުގައި އީރާނުގެ އަތެއް ވާކަން ހާމަވެފައިވާ ކަމަށް އަލްބޭނިއާއިން ބުނެފައިވާއިރު އޭގެ ތެރޭގައި އެޓޭކް ރޭވުމާއި އެކަމަށް ފައިސާ ފޯރުކޮށްދިނުން ވެސް ހިމެނޭ ކަމަށް އަލްބޭނިއާއިން ބުނެ އެވެ.

"ސައިބާ އެޓޭކްގައި އީރާނުގެ ދައުރެއް ވާކަން ހާމަކޮށްދޭ ސާބިތު ހެކިތަކެއް ތަހުގީގަށް ލިބިފައި އެބަހުރި،" އަލްބޭނިއާގެ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އަލްބޭނިއާގެ އިތުރުން އެމެރިކާ، އިނގިރޭސި ވިލާތް އަދި އދން ވެސް ވަނީ އީރާން ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ. އެގޮތުން މި މައްސަލާގައި އީރާނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެމެރިކާއިން ބުނެފައިވާއިރު އިނގިރޭސި ވިލާތުން ބުނެފައިވަނީ މިއީ އީރާނުގެ ފަރާތުން ފެނުނު ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

މި މައްސަލާގައި އަލްބޭނިއާއިން އީރާނާއެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލާފައިވާއިރު އީރާނުން ވަނީ އަލްބޭނިއާގެ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އަލްްބޭނިއާ ސައިބާ އެޓޭކްގެ މައްސަލާގައި މުޅި ދުނިޔޭގެ ނުރުހުން އީރާނަށް އަމާޒުވެފައިވާއިރު މި ތުހުމަތުތަކާ ބެހޭގޮތުން އީރާނުގެ ސީދާ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ