އިއްޔެއަކީ އިނގިރޭސި ވިލާތުގެ ރައްޔިތުންނަށާއި ހާއްސަކޮށް އެ ގައުމުގެ ޝާހީ އާއިލާއަށް އަނދިރި ދުވަހެކެވެ.
ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުން ވެގެން ދާނީ އިނގިރޭސި ވިލާތުގެ ގިނަ ކަންތައްތަކެއް ބަދަލު ވެގެންދާނެ ކަމަކަށެވެ.
އެހެން ނަމަވެސް ގިނަ ލޯތައް މިހާރު ހުއްޓިފައިވާނީ މުޅިން އެހެން ކަމަކަށެވެ. ހިތާމައިގެ މިދަނޑިވަޅުގައި، ބައިބައިވެފައިވާ އިނގިރޭސި ޝާހީ އާއިލާގެ ގުޅުންތަކަށެވެ. ޝާހީ އާއިލާއާ ވަކިވެވަޑައިގެން އުޅުއްވާ ޕްރިންސް ހެރީގެ މިދަނޑިވަޅުގެ ހަރަކާތްތަކަށެވެ. ޕްރިންސް ހެރީއާއި ބޭބޭފުޅު ވިލިއަމްގެ ކޯޅުމަށް ނިމުމެއް އާދޭތޯ އެވެ.
ކަންދިމާކުރި ގޮތުން މި ހިތާމައިގެ ދަނޑިވަޅު ދިމާވީ ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް ޗެރިޓީ އިވެންޓްތަކެއްގައި ބައިވެރިވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވާ ދުވަސްވަރަކާ އެވެ. މިއީ ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރައްވާފައިވާ ޕްރިންސް ހެރީއަށް މާމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ނަސީބު ލިބުމަށް މެދުވެރިވި ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި މި ދަނޑިވަޅުގައި އާއިލާއާއެކު ޕްރިންސް ހެރީ ހުންނެވުމަކީ އެ އާއިލާގެ ހީނަރުވެފައިވާ ގުޅުންތައް އަލުން ރަނގަޅުވެދާނެ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު އުއްމީދު ވެސް ކުރެ އެވެ.
އިއްޔެގެ ވަގުތެއްގައި ރާނީ އެލިޒަބަތުގެ ހާލުކޮޅު ދެރަވެ، ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރެއްވިއިރު ޕްރިންސް ހެރީއާއި މޭގަން ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. މި ހަބަރާއެކު ހުރހާ ކަމެއް ދޫކުރައްވައި ހެރީ ބަލްމޯރްގައި ޝާހީ އާއިލާއާ ގުޅިވަޑައިގަންނަވަން ދަތުރު ފެއްޓެވި އެވެ. އެހެން ނަމަވެސް އަނބިކަނބަލުން މޭގަން ސްކޮޓްލެންޑްގައި މަޑުކުރެއްވީ އެވެ.
މިވަގުތު ޕްރިންސް ހެރީ ހުންނެވީ އާއިލާގެ އެހެން މެމްބަރުންނާއެކުގަ އެވެ. މާމަފުޅަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރެއްވުމުގަ އެވެ. އާއިލާއަށް އެންމެ ބޭނުންވި ދުވަހު އިއްތިފާގުން ނަމަވެސް ނުވަތަ ތަގުދީރު ނިޔާކުރި ގޮތުން ނަމަވެސް ހެރީއަށް ހުރެވުނީ އާއިލާގެ އަރިހުގަ އެވެ.
ޝާހީ އާއިލާގެ ކަންކަން ގާތުން ބައްލަވާ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ކުރިއަށް އޮތް ދިހަ ދުވަހު ރާނީގެ ޖަނާޒާގައި ހެރީ ބައިވެރިވެ ވަޑައިގަންނަވާއިރު، މާޒީގެ އެއްވެސް ގިލާއެެއް ނުވަތަ ޝަކުވާއެއް ވެސް ހެރީގެ ހިތްޕުޅުގައެއް ނޯންނާނެ އެވެ. އާއިލާއަށް ކުރިމަތިވި މި ހިތާމައިގައި ޕްރިންސް ހެރީ ހިއްސާވެ ވަޑައިގަންނަވާނީ ޒާތީ މައްސަލަތައް އެކަހެރި ކުރެއްވުމަށް ފަހުގަ އެވެ.
އެހެން ނަމަވެސް ސުވާލަކީ މިއާއެކު ޕްރިންސް ހެރީއާއި ޝާހީ އާއިލާއާއެކު އޮތް ގުޅުން ރަނގަޅު ވެދާނެތޯ ކުރެވޭ ސުވާލެވެ. ރާނީ އަވަހާރަވުމަށްފަހު، ހެރީގެ ހިތްޕުޅު ބޭބޭފުޅު ވިލިއަމްއާއި އާއިލާގެ އެހެން ބޭފުޅުންނަށް ބަދަލުވެދާނެތޯ ކުރެވޭ ސުވާލެކެވެ.
ކޮންމެ އަކަސް ރާނީގެ އަވަހާރަވުމާއެކު ޝާހީ އާއިލާގެ ގުޅުންތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ޝާހީ އާއިލީގެ ސަޕޯޓްރުން ޖެހޭނީ އެއީ ކޮން ބަދަލުތަކެއް ކަން ނުވަތަ އެ ބަދަލުތަކުގެ ކުޑަބޮޑުމިން ބެލުމަށް އިންތިޒާރު ކޮށްލާށެވެ.