މިއަދު ސޯޝަލް މީޑިއާއާއި ޓީވީތަކުން ވެސް ފެންނަނީ އެއް ވާހަކަ އެކެވެ. އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ކުއްލި އަވަހާރަވުމުގެ ވާހަކަ އެވެ. އެއާއެކު އެ ގައުމަށް ކުރިމަތިވީ ގައުމީ ހިތާމައިގެ ވާހަކަ އެވެ.
އުމުރުން 96 އަހަރުފުޅުގައި އެލިޒަބަތު އަވަހާރަވިއިރު އެކަމަނާ ވަނީ ކުލަގަދަ ހަޔާތެއް ވޭތު ކުރައްވާފަ އެވެ. ގައުމުގެ އެންމެ އިސް ވެރިކަމާއި ޝާނާއި ޝައުކަތު އެކަމަނާ ތަޖުރިބާ ކުރެއްވެވި އެވެ. ހަޔާތްޕުޅުގައި އެކި އަޑިގުޑަންތަކާއި ކުރިމަތިވެ އެކަންކަމުން އެންމެ ފުރިހަމަ ގޮތުގައި އަރައިގެންނެވި އެވެ.
ރާނީ އެލިޒަބަތު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 އޭޕްރިލް 1926ގަ އެވެ. އޭރުގެ ރަސްކަލުން ޖޯޖް ހަތަރެއްގެ ދަރިކަލުން ޑޫކް އޮފް ޔޯކް ޖޯޖް ފަހެއް އަދި އަނބިކަނބަލުން ޑަޗަސް އޮފް ޔޯކް އެލިޒަބަތު (ކުއީން މަދާ)އަށް ލިބިވަޑައިގެންނެވި ދޮށީ ދަރިކަނބަލުންނެވެ.
ކާފާފުޅުގެ ރަސްކަމުގައި ވެސް އެލިޒަބަތު ހުުންނެވީ ތަހުތަށް އަރާވަޑައިގަންނަވަން ތިންވަނަ މަގާމުގަ އެވެ. އެއީ ބޮޑުބޭބެފުޅު އެޑްވާޑްއާއި ބައްޕާފުޅު ޖޯޖްއަށް ފަހު އެވެ.
1936 ވަނަ އަހަރު ކާފާފުޅު އަވަހާރަވުމާއެކު ބޮޑުބޭބޭފުޅު އެޑްވާޑް ރަސްކަމާ ހަވާލުވެ ވަޑައިގެންނެވި ނަމަވެސް އާއްމު ރައްޔިތަކާ ކައިވެނި ބެއްލެވިކަމުގެ މައްސަލާގައި އެޑްވާޑް މަގާތުން ދުރުވެ ވަޑައިގަތެވެ. ނަތީޖާއަކަށްވީ ބައްޕާފުޅު ތަހުތަށް އަރާވަޑައިގެން ތަހުތު ލިބުމުގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހުމެވެ.
1947 ވަނަ އަހަރު ބޭއްވުނު އެލިޒަބަތުގެ ކައިވެނިފުޅަކީ އޭރުގެ ގިނަ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރި ހަބަރެކެވެ. އުމުރުން 13 އަހަރުފުޅުގައި ބައްދަލުވެވަޑައިގަތް ޕްރިންސް ފިލިޕްއާ އެކަމަނާ ކައިވެނި ބައްލަވައިގަތީ ޝާހީ އިއްޒަތުގައި އުމުރުފުޅުން 21 އަަހަރުގަ އެވެ. އެ ކައިވެނިފުޅަށް ހަތަރު ބޭފުޅުން ލިބިވަޑައިގަންނަވާފައިވާއިރު އެއީ މިހާރުގެ ރަސްކަލުން ޗާލްސްއާއި ޕްރިންސަސް އޭން އަދި އެންޑްރޫ އާއި އެޑްވަޑް އެެވެ.
1952 ވަނަ އަހަރު ރަސްގެފާނު ޖޯޖް 6 އަވަހާރަވެ، އެލިޒަބަތު އިނގިރޭސި ވިލާތުގެ ރަނިކަމަށް ހަވާލުވެވަޑައިގެންނެވި އިރު އެކަމަނާގެ އުމުރުން އެންމެ 25 އަހަރުފުޅެވެ.
އެއާއެކު ފެށިގެން ދިޔައީ އިނގިރޭސި ވިލާތް ދުށް އެންމެ ދިގު ރަނިކަމުގެ ދައުރެވެ. ދިގު 70 އަހަރަށް ދެމިގެން ދިޔަ އެލިޒަބަތުގެ ރަނިކަމުގައި އިނގިރޭސި ވިލާތަށް ވަނީ އިންގިލާބީ ބަދަލުތަކެއް ގެންނަވާފަ އެވެ. ކޮމަންވެލްތު އުފެއްދުމާއި ދުނިޔޭގެ އެންމެ ގިނަ ގައުމަށް ރަސްމީ ދަތުރުފުޅުތައް ކުރެއްވި އިނގިރޭސި އެންމެ އިސްވެރިޔާގެ މަގާމު ވެސް އެކަމަނާ ހޯއްދެވި އެވެ.
އެހެން ނަމަވެސް އެލިޒަބަތުގެ 70 އަހަރުގެ ރަނިކަމަކީ ފަސޭހަ ދައުރެކޭ ދެެންނެވޭކަށް ނެެތެވެ. ދެވަނަ ބޮޑު ހަނގުރާމައާއި ފިނި ހަނގުރާމައިގެ އިތުރުން ވެސް ދާހިލީ އެތައް ހަމަނުޖެހުމެއް އެކަމަނާ ދެކެވަޑައިގަތެވެ. އެހެން ނަމަވެސް އެހުރިހާ ކަމަކާ ވެސް އެކަމަނާ ކުރިމަތިލެއްވީ ސާބިތުކަމާ އެކުގަ އެވެ.
ރަނިކަމުގެ ހަޔާތްޕުޅުގެ އިތުރުން ޒާތީ ހަޔާތްޕުޅުގައި ވެސް އެތައް އަޑިގުޑަންތަކެއް އެކަމަނާއަށް ކުރިމަތިވެ ވަޑައިގަތެވެ. އެގޮތުން 1997 ވަނަ އަހަރު ކުރީގެ ދަނބިދަރިކަނބަލުން ޕްރިންސަސް ޑަޔާނާ އަވަހާރަވުމާއި މިފަހުން 2019 ވަނަ އަހަރު މާމާފުޅު ދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ އާއިލާއާ ވަކިވެވަޑައިގަތުންވީ އެކަމަނާއަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށެެވެ.
އެހެން ނަމަވެސް ރޭ ބަލްމޯރަލްގައި އެލިޒަބަތު އަވަހާރަވިއިރު ދަރިކަލުން ޗާލްސްއާއި މާމަ ދަރިދަރިކަލުން ވިލިއަމްއާއި ހެރީ ވެސް އަރިހުގައި ހުންނެވި އެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމާއެކު ރަސްކަމާވީ ދަރިކަލުން ޗާލްސް އެވެ. އުމުރުން 73 އަހަރުގައި ރަސްކަމާ ހަވާލުވިއިރު މަންމާފުޅުގެ މަގާމު އަދާކުރެއްވުމަކީ ޗާލްސްއަށް ކުރިމަތިވާނެ ގޮން ޖެހުމެކެވެ.
ކޮންމެއަކަސް އެލިޒަބަތު ދެވަނައަކީ ގިނަ ބައެއްގެ ލޯބި ލިބުނު ދުނިޔޭގެ މަގުބޫލު ޝަހުސިއްޔަތެކެވެ. ވީއިރު އެކަމަނާގެ ވާހަކަ މިއަދު މީޑިއާގައި ނުދެކެވޭންވީ ސަބަބެއް ނެތެވެ.