ރާނީ އެލިޒަބަތުގެ ހަށިކޮޅު ލަންޑަނަށް ގެނެސް ޖަނާޒާ ބޭއްވުމުގެ ކުރިން ސްކޮޓްލެންޑްގެ އެޑިންބަރާގެ ސެއިންޓް ގިލްސް ކެތީޑްރަލްގައި 24 ގަޑިއިރުވަންދެން ހަށިކޮޅު ބާއްވާނެ ކަމަށް ބުނެފި އެވެ.

އޭގެ ފަހުން އެކަމަނާއަށް އިހްތިރާމް އަދާކުރުމުގެ ހުއްދަ އެ ކެތީޑްރަލްގައި ގާތްގަނޑަކަށް ތިން ދުވަސް ވަންދެން އާންމުންނަށް ލިބޭނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސެއިންޓް ގިލްސްގައި ޝާހީ އާއިލާގެ މެމްބަރުން އިހުތިހާރު އަދާކުރުން އޮންނާނެ އެވެ.

އޭގެ އިތުރުން ރާނީގެ ބޭފުޅުން އެކަމަނާގެ ސަންދޯއް ކައިރީގައި އިހުތިރާމް އަދާކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ އެވެ.

ރާނީ އަވަހާރަވި ޚަބަރު މިއަދު އިއުލާން ކުރުމާއެކު، ކެތީޑްރަލްގެ މިނިސްޓަރު ރެވަރެންޑް ކަލަމް މެކްލިއޯޑް ވިދާޅުވެފައި ވަނީ "ހިތްވަރުގަދަ އަދި ވަފާތެރި ހާދިމެއްގެ" އަގު ވަޒަން ކުރައްވާ ކަމަށެވެ.

ކެތީޑްރަލްގެ ވެބްސައިޓް ޝާއިއުކުރި މެސެޖެއްގައި އޭނާ ވިދާޅުވެފައި ވަނީ، "އެޗްއެމް ކުއީން، އިނގިރޭސިވިލާތާއި ކޮމަންވެލްތަށް ވަރަށް ގިނަ އަހަރުތަކެއް ވަންދެން އިހުލާސްތެރި، ހިތްވަރުގަދަ، ވަފާތެރި ޚިދުމަތްތެރިއަކު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި އަޅުގަނޑުމެން މިތިބީ،" ކަމަށެވެ. އަދި ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މި ތާރީޚީ ކެތީޑްރަލް ހުންނަނީ އެޑިންބަރާ ކާސަލް އާއި ޕެލަސް އޮފް ހޮލީރޫޑްހައުސް އާ ދެމެދު އެ ސިޓީގެ ރޯޔަލް މައިލްގަ އެވެ.

އެޑިންބަރާގައި ފަސް ދުވަސް ވުމަށްފަހު ލަންޑަންގެ ބަކިންހަމް ޕެލަސްގައި ހަށިކޮޅު ބާއްވާނެ އެވެ. އަދި އޭގެފަހުން ވެސްޓްމިނިސްޓާ ހޯލްއަށް ގެންދިއުމަށްފަހު އިހުތިރާމް އަދާކުރުމަށް އާއްމުންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. އަދި ރަސްމީ އިއްޒަތުގައި ޖަނާޒާގެ ރަސްމިއްޔާތު ބާއްވާނީ އަވަހާރަވިތާ ދިހަ ދުވަސްފަހުން ވެސްޓްމިނިސްޓާ އަބޭގަ އެވެ.

ރަސްމީ އިއްޒަތުގައި ޖަނާޒާ ބޭއްވުމަށްފަހު އެކަމަނާގެ ހަށިކޮޅު ގެންދާނީ ވިންޑްސާގައި ހުންނަ ރަސްގެފާނު ޖޯޖް ހަވަނަ ގަނޑުވަރުގެ މެމޯރިއަލް ޗެޕަލްއަށެވެ. އަދި ރާނީ ފަސްދާނުލާނީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު ވަޅުލެވިފައިވާ ތަނުގަ އެވެ. މިއީ އެކަމަނާގެ ޖަނާޒާގެ އެންމެ ފަހު ތަނަށް ވެގެންދާނެ އެވެ. ނަމަވެސް ފަސްދާނުލުން އޮންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އިނގިރޭސި ރާނީ އަވަހާރަވި ހަބަރު ބޮޑުވަޒީރު ލިޒް ޓްރުސް ލިބިވަޑައިގެންނެވީ އިއްޔެ ހަވީރު 4:30ގަ އެވެ. އެ ކަމަނާއަށް އެ ހަބަރު ދެއްވީ ކެބިނެޓް ސެކްރެޓަރީ ސިމޮން ކޭސް އެވެ. އަދި އެ ހަބަރު ލިބިވަޑައިގެންނެވުމާއެކު ރަސްގެފާނު ޗާލްސްއަށް ގުޅުއްވި އެވެ.

ރާނީ އަވަހާރަވި ހަބަރު ބަކިންހަމް ޕެލަސްއިން އިއުލާންކުރީ އިރުއޮއްސި 6:30 ގަ އެވެ.