ރޭގެ ވަގުތެއްގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވުމާ އެކު އެއްވެސް ރަސްމިއްޔާތަކާ ނުލައި ވެސް ގައުމުގެ ރަސްކަން ވަނީ އެކަމަނާގެ ދަރިކަލުން ކުރީގެ ޕްރިންސް އޮފް ވޭލްސް ޗާލްސްއަށް ވާރުތަވެފަ އެވެ.
އެހެން ނަމަވެސް ސަގާފީ ގޮތުންނާއި ރަސްމީ ގޮތުން ރަސްކަން ބަދަލު ކުރެއްވުމުގައި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއްވެ އެވެ.
ރަސްމީ ނަންފުޅަކީ ކޮބާ؟
ތަހުތަށް އިސްވެ ވަޑައިގަތުމުގެ އެކު ޕްރިންސް އޮފް ވޭލްސް ޗާލްސްގެ ނަން ހިޒް މެޖިސްޓީ ކިންގް ޗާލްސް ތިންވަނައަށް ބަދަލުވާނެ އެވެ. މިއީ ރަސްކަލެއްގެ ގޮތުގައި ޗާލްސް ނިންމެވި ފުރަތަމަ ނިންމެވުމެވެ. ހަތަރު ނަމެއްގެ ތެރެއިން ރަސްމީ ނަން ޚިޔާރު ކުރައްވަން ލިބިވަޑައިގެންނެވި އިރު ޗާލްސް ބޭނުންފުޅުވީ ކުރީގެ ނަންފުޅު ދަމަހައްޓަވާށެވެ.
މިއާއެކު ޗާލްސްގެ ކުރީގެ ލަގަބުފުޅު ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމްގެ ދެކަނބަލުންނަށް ވާރުތަވާނެ އެވެ. އެެހެންކަމުން ދެން ވިލިއަމްގެ ދެކަނބަލުންގެ ރަސްމީ ނަންފުޅަކަށް ވާނީ ޑޫކް އެންޑް ޑަޗަސް އޮފް ކޯންވެލް އެންޑް ކެމްބްރިޖް އެވެ.
ރަސްމީ ހަފްލާތައް އޮންނާނީ ކޮންއިރަކުން؟
ރަސްގެފާނު ޗާލްސް ރަސްކަމުގެ މަގާމާ ރަސްމީ ގޮތުން ހަވާލުވެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ ކަމަށް ބެލެވެ އެވެ. މި ރަސްމިއްޔާތު އޮންނާނީ ލަންޑަންގެ ސެއިންޓް ޖޭމްސް ކާސްލްގައި އެސެޝަން ކައުންސިލްގެ ކުރިމަތީގަ އެވެ.
މި ރަސްމިއްޔާތުގައި ރާނީ އެލިޒަބަތުގެ އަވަހާރަވުން ރަސްމީކޮށް އިއުލާން ކުރާއިރު އާ ރަސްކަލުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަޑު އިއްވާނެ އެވެ. އަދި ރަސްކަމުގެ ހުވާ ލައިދޭނެ އެވެ.
ރަސްކަލެއްގެެ ގޮތުގައި ފުރަތަމަ ފެނިލުން
ރަސްކަލެއްގެ ގޮތުގައި ޗާލްސްގެ ފުރަތަމަ ފެނިލުން އޮންނާނީ އެއަށްފަހު އެވެ. ސެއިންޓް ޖޭމްސް ޕެލަސްގެ ބެލްކަނިން ނުކުންނަވާއިރު ރަސްމީ އިއްޒަތުގައި އެމަނިކުފާނަށް އިއްޒަތް އެރުވޭނެ އެވެ.
އެއާއެކު ޓްރަމްޕެޓްތަކުގެ އަޑާއެކު ޗާލްސްއަކީ އިނގިރޭސި ވިލާތުގެ އާ ރައީސް ކަމުގައި އާއްމުކޮށް އިއުލާން ކުރާނެ އެވެ.
ތާޖު އެރުވުން
އިނގިރޭސި ވިލާތުގެ ރަސްކަން ނުވަތަ ރަނިކަން ބަދަލުކުރުމުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ރަސްމިއްޔާތަކީ ތާޖު އެރުވުމުގެ ރަސްމިއްޔާތު ނުވަތަ "ކޮރޮނޭޝަން" އެވެ.
މި ރަސްމިއްޔާތަކީ އިނގިރޭސި ވިލާތުގެ ސަރުކާރުން އާ ރަސްކަލުންނަށް ރަސްމީ ގޮތުން ރަސްކަމުގެ ތާޖު އެރުވުމަށް ބާއްވާ ހަފުލާ އެކެވެ. ވެސްޓް މިނިސްޓާ އަބޭގައި އޮންނަ މި ރަސްމިއްޔާތުގައި އާ ރަސްކަލަކަށް އެރުވޭ ތާޖަކީ އިނގިރޭސި ރަސްކަމުގެ ދަރިކޮޅުގައި އެތައް ސަތޭކަ އަހަރެއް ވަންދެން ވާރުތަ ވަމުން އަންނަ ބަރުދަނުގައި 2.3 ކިލޯ ހުންނަ ތާޖެކެވެ.
ދުނިޔޭގެ އެއްބައި އެމްޕަޔަރެއް ނޫންތަ ؟؟