ލަންޑަން (09 ސެޕްޓެމްބަރު) އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ރޭގެ ވަގުތެއްގައި އަވަހާރަވުމާ އެކު ދުނިޔޭގެ ލީޑަރުން އެކަމަނާގެ އާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށް ތައުޒިޔާ ފޮނުވަމުން އެބަދެ އެވެ.
ޖޯ ބައިޑަން - އެމެރިކާ
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދެކަނބަލުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާނީ އެލިޒަބަތުއާ އެކު އިނގިރޭސި ރައްޔިތުންގެ އިތުރުން ދުނިޔޭގެ ރައްޔިތުން ވެސް ހިއްސާ ކުރަނީ ވަރަށް ޒާތީ ގުޅުމެއް ކަމަށާއި އެކަމަނާއަކީ އިނގިރޭސި ވިލާތާއި އެެމެރިކާއާ ދެމެދު އޮތް ގުޅުންތައް ވަރުގަދަ ކުރަން ވަރަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
ސަލްމާން ބިން އަބްުދުލްއަޒީޒް - ސައޫދީ އަރަބިއާ
ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިނގިރޭސި ރައްޔިތުންނަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވަމުން ވިދާޅުވެފައިވަނީ އެކަމަނާއަކީ ދުނިޔޭގެ އެހެން ލީޑަރުންނަށް ހުރި ނަމޫނާއެއް ކަމަށާއި ދުނިޔޭގެ ތާރީހުގައި އެކަމަނާގެ ނަން ދާއިމަށް ދެމިގެން ދާނެ ކަމަށެވެ.
ލަޑިމިއާ ޕުޓިން - ރަޝިއާ
ރަޝިއާގެ ރައީސް ލަޑިމުއާ ޕުޓިން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި އިނގިރޭސި ވިލާތަށާއި މުޅި ދުނިޔެއަށް މި ލިބިގެން ދިޔައީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށާއި އެލިޒަބަތަކީ އެކަމަނާގެ ރައްޔިތުންގެ މައްޗަށް އޯގާތެރިކަމާ އެކު ރަނިކަން ކުރެއްވި ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޝަހްބާޒް ޝަރީފް - ޕާކިސްތާން
ޕާކިސްތާނުގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް ވަނީ ރާނީގެ ވަކިވުމާ މެދު ހިތާމަ ކުރައްވާ ކަމަށާއި ހިތާމައިގެ މި ދަނޑިވަޅުގައި ޕާކިސްތާނުގެ ރައްޔިތުންނާއި ސަރުކާރު އިނގިރޭސި ވިލާތުގެ އާއްމުންނާއި ޝާހީ އާއިލާ އާ އެކު ވާކަމަށެވެ.
ނަރެންދުރަ މޯދީ - އިންޑިއާ
އިންޑިއާގެ ބޮޑު ވަޒީރު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ އެލިޒަބަތު އަވަހާރަވުމުުން ހިތާމަ ކުރައްވާ ކަމަށާއި އެކަމަނާއަކީ ސަރުކާރު އަދި ޒާތީ ދިރިއުޅުއްވުމުގައި ވެސް ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
އިބްރާހިމް މުހައްމަދު ސޯލިހް - ދިވެހި ރާއްޖެ
ރާނީ އެލިޒަބަތު އަވަހާރަވުމާ އެކު ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ތައުޒިޔާގެ ޓްވީޓެއް ކުރައްވައިފަ އެވެ. އެގޮތުން އެލިޒަބަތު އަވަހާރަވިކަމުގެ ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށާއި ކޮމަންވެލްތުގެ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ވެސް މި ހިތާމައިގައި ބައިވެރިވާ ކަމަށެވެ.
ތައުޒިޔާގެ މެސެޖުތަކުގެ އިތުރުން ބައެއް ގައުމުތަކުން ވަނީ ގައުމީ ހިތާމައިގެ ދުވަސްތައް އިއުލާންކޮށް ބައިދަނޑިއަށް ދިދަ ވެސް ތިރިކޮށްފަ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ އާއި އަޔަލޭންޑްގެ އިތުރުން ރާއްޖެ ވެސް ހިމެނެ އެވެ.