އިނގިރޭސި ވިލާތުގެ ރާނީގެ މަގާމުގައި 70 އަހަރު ހޭދަކުރުމަށް ފަހު އުމުރުފުޅުން 96 އަހަރުގައި ރޭ އަވަހާރަވި ކުއީން އެލިޒަބަތަކީ ދިވެހި ރާއްޖެއާ ވެސް އެތައް ގޮތަކުން ގުޅިފައިވާ ބޭކަނބަލެކެވެ. އެކަމަނާ ވަނީ ދިވެހި ރާއްޖެ އަށް މާޗް 13، 1972 ގައި ތާރީޚީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.
ރާނީ އެލިޒަބަތު އިނގިރޭސި ތަޚުތަށް ވަޑައިގަތީ ގައުމުން ބޭރު ދަތުރުފުޅެއްގައި، ފިރިކަލުން ފިލިޕްއާ އެކު އުޅުއްވަނިކޮށެވެ. ޑޮކްޓަރުންގެ މެޑިކަލް އިރުޝާދާ ޚިލާފަށް ރަސްގެފާން އެ ފަހަރު ވަނީ ދަރިކަނަބލުން ކުއީން އެލިޒަބަތަށް ވަދާއު ދެންނެވުމަށް އެއާޕޯޓަށް ވެސް ވަޑައިގެންފަ އެވެ. އެކަމަކު އެއީ ބައްޕާފުޅު ދިރިހުންނަވަނިކޮށް އެލިޒަބަތަށް ފެނިވަޑައިގެންނެވި ފަހު ފަހަރެވެ. ބައްޕާފުޅު އަވަހާރަވުމާ އެކު އެލިޒަބަތު ވަނީ ކެންޔާގެ ދަތުރުފުޅު ކުރުކުރެއްވުމަށް ފަހު ލަންޑަނަށް ވަޑައިގެންފަ އެވެ.
އިނގިރޭސި ރާނީގެ މަގާމަށް އެކަމަނާ ވަޑައިގެންނެވީ ޖެނުއަރީ 1952 ގަ އެވެ. އޭރު ދިވެހި ރާއްޖެ އޮތީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގަ އެވެ. އޭގެ ފަހުން ޖުލައި 26، 1965 ގައި އިނގިރޭސިންގެ ބާރުގެ ދަށުން ރާއްޖެ އަށް މިނިވަންކަން ލިބެންދެން ހޭދަވި 13 އަހަރުގެ ތެރޭގައި، ރާއްޖޭގެ ޝަރަފުވެރި ވެރިއެއްގެ ގޮތުގައި ރާނީ އެލިޒަބަތު ވަނީ ހޭދަކުރައްވައިފަ އެވެ. ޖެނުއަރީ 2، 1889 އިން 26 ޖުލައި 1965 އަށް ދިވެހި ރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގަ އެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި އިނގިރޭސިންގެ ބާރުގެ ދަށަށް ރާއްޖެ ދިޔައީ އައްސުލްތާން އިބްރާހިމް ނޫރައްދީން ނުވަތަ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގަ އެެވެ.
އިނގިރޭސި ދައުލަތުން ކުއީން ވިކްޓޯރިއާގެ ފަރާތުން ރާއްޖެ އަށް ވައުދު ފޮނުވި ދުވަހެއްގެ ގޮތުގައި 1932 ވަނަ އަހަރު އަމަލު ކުރަން ފެށި ފުރަތަމަ ގާނޫނު އަސާސީގައި ވެސް ވަނީ ޖެނުއަރީ 2، 1889 އެވެ.
އެޕްރީލް 24، 1948 ގެ ދާޚިލީ އެއްބަސްވުމަށް ފަހު، ޖެނުއަރީ 1، 1953 ގައި އަމަލުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 3 ވަނަ މާއްދާގައި ވަނީ "ދިވެހި ރާއްޖެ އަކީ އިނގިރޭސިންގެ އިއްޒަތްތެރި ރާނީގެ ހިމާޔަތުގެ ދަށުގައިވާ މިނިވަން ދައުލަތެއް" ކަމަށެވެ.
އިނގިރޭސި ތަޚުތަށް ކުއީން އެލިޒަބަތު އިސްވެވަޑައިގަތުމުގެ އުފާވެރި މުނާސަބާ ރާއްޖޭގައި ވެސް ވަނީ މީގެ 70 އަހަރު ކުރިން، 1952 ގައި ފާހަގަކޮށްފަ އެވެ. އޭރު ރާއްޖޭގެ ވެރިޔާ އަލް އަމީރު މުހައްމަދު އަމީން ވަނީ ދިވެހި ގައުމުގެ އިޚްލާސްތެރި ތަހުނިޔާ ރާނީ އެލިޒަބަތަށް ފޮނުއްވައިފަ އެވެ.
އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ވަނީ މާޗް 13، 1972 ގައި ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. ޝާހީ ޔޮޓުގައި ކުރެއްވި މި ދަތުރުފުޅުގައި އެކަމަނާ ވަނީ އައްޑުއަތޮޅަށް ވެސް ވަޑައިފެންފަ އެވެ.
ރާނީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި އޭރުގެ ރައީސް އިބްރާހިމް ނާސިރު ވަނީ ރާއްޖޭގެ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން ޣާޒީގެ ލަގަބު އަރުވައިފަ އެވެ. ރާނީ އެލިޒަބަތު ވެސް ވަނީ ރައީސް ނާސިރަށް ކޭސީއެމްޖީގެ ލަގަބު އަރުވައިފަ އެވެ. ރާނީގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެސް ރާއްޖެ އިން ވަނީ ޝަރަފުވެރި ލަގަބު އަރުވައިފަ އެވެ.
- ރާނީ އެލިޒަބަތު: ނިޝާން ޣާޒީގެ ލަގަބު
- ޑިއުކް އޮފް އެޑިންބަރާ: ނިޝާން އިއްޒައްދީންގެ ލަގަބު
- އާލް މައުންޓް: ނިޝާން އިއްޒައްދީންގެ ލަގަބު
- ރާނީގެ ޕްރައިވެޓް ސެކްރެޓަރީ މާޓިން ޗާޓަރިސް: ނިޝާން ޝަހީދު އަލީގެ ލަގަބު
- ރާއްޖެ އަށް ކަނޑައަޅާފައިވާ އިނގިރޭސި އެމްބަސެޑަރު މެކިންޓޮޝް: ނިޝާން ޝަހީދު އަލީގެ ލަގަބު
- ރާނީގެ އެސިސްޓެންޓް ޕްރައިވެޓް ސެކްރެޓަރީ ފިލިޕް މުއާ: އަސްކަރީ މެޑަލްގެ ވެރިކަމުގެ ލަގަބު
އިނގިރޭސި ރާނީ އަވަހާރަވުމާ ގުޅިގެން ރާއްޖެ އިން ވަނީ އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރުމަށް ނިންމައިފަ އެވެ. ރާނީގެ ބައްޕާފުޅު ޖޯޖް ރަސްގެފާން އަވަހާރަވުމުން ވެސް ރާއްޖެ އިން ވަނީ 1952 ވަނަ އަހަރު އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިވެހި ދިދަ ބައިދަނޑި އަށް ތިރިކޮށްފަ އެވެ. އަދި 40 ދުވަސްވަންދެން ރާއްޖޭގައި އެއްވެސް ކުޅިވަރެއް ނުކުޅޭ ގޮތަށް ވެސް އޮތީ ހަމަޖައްސައިފަ އެވެ. އޭރު ރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގަ އެވެ.
ކުއީން އެލިޒަބަތު އުފަންވެވަޑައިގަތީ 21 އެޕްރީލް 1926 ގަ އެވެ.
އެލިޒަބަތުގެ ކައިވެނީގެ އުފަލުގައި ކޮންމެ މީހަކަށް ކިރުސައި ތައްޓެއް ދިން ހަނދާން އާކުރުން އެއިން އެގިގެންދަނީ އެއީ ދިވެހިން ޚާއްސަ ކޮށް މާލެ ސަރަހައްދަށް ގައުމެއްގެ އެންމެ މަތީވެރިއަކު ޒިޔާރަތް ކުރާނަމަ އެފަދަ ވެރިއެއްގެ ޝަރަފުގައި ދިވެހިންވާ ޤުރުބާން ލަވިންގް ދިސް ކަލްޗަރ އިޒް ބެޓަރ ދެން އެނީތިންގް ލަވިންގް ދިސް ކަންޓްރީ އިޒް މޭކިންގް މީ ފީލް އޯސަމް އެން ފްލޯލެސް ލަވިންގް ކިރު ސައި ތަށި އިޒް ވެރީ ގުޑް ވަރަށް ފައްކާދޯ މެމޮރައިޒިންގް ދިސް ވަން