އިނގިރޭސި ވިލާތުގެ ޑޫކް އަދި ޑަޗަސް އޮފް ކޯންވެލް އެންޑް ކެމްބްރިޖްއަށް ޕްރިންސް އަދި ޕްރިންސަސް އޮފް ވޭލްސްގެ ޝާހީ ލަގަބުފުޅު އަރުވައިފާކަން ރަސްގެފާނު ޗާލްސް ތިންވަނަ ޔަގީން ކޮށްދެއްވައިފި އެވެ.

ޕްރިންސް އޮފް ވޭލްްސްއަކީ ރަސްކަމަށް އިސްވާން ލިސްޓުގެ އެންމެ ކުރީގައި ހުންނަވާ ފިރިހެން ވާރުތަވެރިޔާއަށް އަރުވާ މަގާމަކަށް ވާއިރު ޕްރިންސަސް އޮފް ވޭލްސްއަކީ އެބޭފުޅެއްގެ އަނބިކަނބަލުންގެ ލަގަބުފުޅެވެ.

ޕްރިންސް އަދި ޕްރިންސަސް އޮފް ވޭލްސްގެ ލަގަބުފުޅު ހާއްސަވާ މައިގަނޑު އެއް ސަަބަބަކީ މި ލަގަބުފުޅަކީ ޕްރިންސް ވިލިއަމްގެ މަންމާފުޅު ޑައާނާ އަވަހާރަވުމަށް ދާންދެން އެކަމަނާގެ ލަގަބުފުޅަށް ވީތީ އެވެ.

އޭރުގެ ރަސްކަމަށް ލިސްޓުގެ އެންމެ ކުރީގައި ހުންނެވި ޕްރިންސް އޮފް ވޭލްސް ޗާލްސްގެ އަނބިކަނބަލުންގެ ހައިސިއްޔަތުން ޑައާނާއަށް އެ ލަގަބުފުޅު އެރުވުނުއިރު އެ ދެކަނބަލުން ވަކިވުމަށްފަހު ވެސް ޑައާނާއަށް ޕްރިންސަސް އޮފް ވޭލްސްގެ ލަގަބު ދެމެހެއްޓުމުގެ ފުރުސަތު ލިިބިފައިވެ އެވެ.

އޭގެ ފަހުން ޗާލްސް ކައިވެނި ބައްލަވައިގަތް ކަމިލާ ޕާކަރް ބަވަލްސްއަށް ޝާހީ އާއިލާއިން އަރުވާފައިވަނީ ޑަޗަސް އޮފް ކޯންވެލްގެ މަގާމެވެ. މި މަގާމު ވެސް ރާނީ އަވަހާރަވުމާއެކު ވިލިއަމްގެ އަނބިކަނބަލުން ކޭޓްއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

ރަސްކަލެއްގެ ގޮތުގައި ގައުމާ ވާހަކަ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޗާލްސް ވިދާޅުވީ ޕްރިންސް އޮފް ވޭލްސްގެ ލަގަބަކީ އެމަނިކުފާނާ ވަރަށް ގާތް ލަގަބުފުޅެއް ކަމަށާއި ވިލިއަމްގެ ދެކަނބަލުން އެ ލަގަބުފުޅުގެ ޝަރަފު ހިފަހައްޓަވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ބައެއް ކަމަށްވާ ވޭލްސްއަކީ ނިސްބަތުން އާބާދީ މަދު އެހެން ނަމަވެސް ނުހަނު މުހިއްމު ކަމެއް ދެވިފައިވާ ސަރަހައްދެކެވެ.

ޕްރިންސް އަދި ޕްރިންސަސް އޮފް ވޭލްސްގެ ލަގަބުފުޅާއެކު ކުރިއަށް އޮތް ތަނުގައި ވޭލްސްގެ ކަންކަމުގައި ވިލިއަމްގެ ދެކަނބަލުން ހަރަކާތްތެރިވާނެ ކަމަށް ބެލެވެ އެވެ.