ލަންޑަންގެ ގްރީން ޕާކް ސްޓޭޝަނުން ނުކެ މިސްރާބު ޖެހީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ރަސްމީ ގަނޑުވަރު ބަކިންހަމް ޕެލަސް ދޮށަށް ދިއުމަށެވެ. ގްރީން ޕާކަކީ ބަކިން ހަމްޕެލަސް ކައިރީގައި އޮންނަ ޝާހީ އާއިލާގެ ރަސްމީ ޕާކެވެ. އެ ޕާކު ތެރެއިން ނުކުމެވެނީ ބަކިންހަމް ޕެލަސް ސަރަހައްދަށެވެ.
ގްރީން ޕާކު ސްޓޭޝަނުން ނުކުންނަ މީހުންނަށް ބަކިންހަމް ޕެލަސްއަށް ދާން މަގުދައްކައިދޭން ލަންޑަންގެ ފުލުހުން ތިއްބެވެ. ފުލުހުން ދެއްކި މަގުން ބަކިންހަމް ޕެލަސްއަށް ދާން ހިނގައިގަތްއިރު، އެ ޕާކު ތެރެއިން އޭރު ވެސް ގަނޑުވަރާ ދިމާއަށްދާ އެތައް ސަތޭކަ ބަޔަކު ދިމާވި އެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް މާބޮނޑިއެއް އޮތެވެ. އެ މާބޮނޑިއަކީ ރާނީ އެލިޒަބަތަށް ތައުޒިޔާކިއުމުގެ ގޮތުން ގަނޑުވަރުގެ ފާރުކައިރީގައި ބާއްވަން ގެންދާ މާބޮނޑިތަކެވެ.
ގްރީން ޕާކްގެ މެދަކާ ހިސާބުން ގަނޑުވަރުދޮށަށް ޖަމާވެފައިވާ އެތައް ހާސް ބަޔަކު ފެނެ އެވެ.
ވަރަށް އުނދަގުލުން މަގު ހުރަސްކޮށް ގަނޑުވަރުގެ ގޭޓާ ދިމާލަށް ހިނގައިގަތް ވަގުތު ފެނުނީ ފުލުހުން ސަފަކަށް އެތުރިގެން ތިބެ ބެރިކޭޑްތަކުގެ ދޭތެރެއިން ވަދެވޭނެ ގޮތް ކިޔައިދޭ ތަނެވެ. އެ ވަގުތު އެ ދޭތެރެއަށް ވަދެ، ގޭޓާ ދިމާލަށް ދެވޭތޯ ބެލީމެވެ. ނަމަވެސް ހީކުރި ގޮތަކަށް ކުރިޔަށް ދެވޭ ގޮތެއް ނުވި އެވެ. ތޮއްޖެހިފައިވާ މީހުން އެއަށް ވުރެ މާގިނަ އެވެ.
ކެތްތެރިކަމުގެ ނަމޫނާ
މިތަނުން ފެނިގެން ދިޔައީ މީހުންގެ ކިޔަމަންތެރިކަމާއި ކެތްތެރިކަމުގެ ނަމޫނާ އެވެ. އެއްވެސް މީހަކު އަނެއް މީހަކު ކޮއްޕާލައި ކުރިޔަށްދާން މަސައްކަތްކުރާ ތަނެއް ނުދެކެމެވެ. އެންމެވެސް ކުރިޔަށް ދިޔައީ ވަރަށް ކެތްތެރިކަމާއެކު މަޑުމަޑުންނެވެ. އެހާ ގިނަ ބަޔަކު އެއްފަހަރާ ހިނގައިގަންނައިރު ބައެއް މީހުން އެކަކު އަނެކަކުގެ ގައިގަ ޖެހުނަސް "ސޮރީ" އޭ ބުނާ އަޑު ދޭތެރެ ދޭތެރެއިން އިވެ އެވެ.
މާބޮޑި ބަހައްޓަން ހާއްސަކޮށްފައި ވަނީ ގަނޑުވަރުގެ ފާރު ކައިރީގަ އާއި ރަސްމީ ނޫން ދޮރާށި ދޮށުގަ އެވެ. މާބޮނޑި ހިފައިގެންދާ މީހުންނަށް ވަކި މިންވަރަކަށް ބެރިކޭޑްތަކުގެ ދޭތެރެއިން ވަދެ މާބޮނޑި ބެހެއްޓުމުގެ ފުރުސަތު ފުލުހުން ދެމުން ގެންދިޔަ އެވެ. އެތަނަށް ވަންނަ ކޮންމެ މީހަކު ވެސް މާބޮނޑި ރީތިކޮށް ބެހެއްޓުމަށްފަހު އަވަހަށް ނުކުމެ އެވެ.
ރަސްމީ ގޭޓް ކައިރިއަށް ދާން ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް ހޭދަވި އެވެ. އެ ހިސާބަށް ދިޔައިރު ފުލުހުން އޮތީ ވަރަށް ބޮޑަށް ގާޑްކޮށްފަ އެވެ. އަދި އެތަނުގެ ކުރިމަތީގައި މީހުންނަށް މަޑުކުރުމުގެ ފުރުސަތެއް ނުދެ އެވެ. އެހެންވެ އެންމެން ވެސް ވަރަށް ކިޔަމަންތެރިކަމާއެކު އެތަނުން ދުރަށް ދެ އެވެ.
ގަނޑުވަރުގެ މައި ގޭޓާ އަރާ ހަމަވަނިކޮށް ކުއްލިއަކަށް ފެނުނީ ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރުސް ގަނޑުވަރުން ނުކުންނަ ތަނެވެ. ބޮޑު ވަޒީރުގެ މޮޓޯކޭޑް ގަނޑުވަރުން ނުކުމެގެންދިޔައިރު އެތައް ހާސް ބަޔަކު އެއްފަހަރާ ބޮޑުވަޒީރުގެ ނަމުން ގޮވަމުންދިޔަ އެވެ. އަދި އެވަގުތު ބޮޑު ވަޒީރު ވެސް އަތްޕުޅުން ހަނާ އަޅުއްވި އެވެ.
އެއް ފަހަރާ އެތައް ހާސް ބަޔަކު ގަނޑުވަރުދޮށަށް ޖަމާވުމުން ފުލުހުން އޮތީ ގަނޑުވަރުގެ ކުރިމަތިން އާއްމުންނަށް ފަސޭހައިން ދެވޭނެ ގޮތަށް ބެރިކޭޑް ޖަހައިފަ އެވެ. އެއީ އެއްފަހަރާ އެތައް ހާސް ބަޔަކު އެތަނުން ހިނގަން ޖެހޭތީ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުންނެވެ. ގަނޑުވަރުގެ ކުރިމަތިން މަޑުމަޑުން ކުރިޔަށްދަމުން ގޮސް މެދު ގޭޓާ ހިސާބަށް ދެވުނުއިރު ވެސް ފެނުނީ މީހުން ކެއްތެރިކަމެވެ. އެއްވެސް ވަރަކަށް ލަސްވެގެން އުޅޭ ތަނެއް ނުފެނެ އެވެ.
އިނގިރޭސިންގެ ލޯބި އަބަދުވެސް ރާނީއަށް
ގަނޑުވަރުގެ ބޭރުގައި ބަހައްޓާފައިވާ ބައެއް މާބޮނޑިތަކާއެކު މެސެޖް ވެސް ލިޔެފައިވެ އެވެ. އެއިން ކޮންމެ މެސެޖެއްގައި ވަނީ އެ މީހުން ރާނީ އެލިޒަބަތު ދެކެ ލޯބިވާ މިންވަރެވެ. އާއްމުކޮށް ގިނަ މެސެޖްތަކުގައި ލިޔެފައި ވަނީ "ރާނީ އެލިޒަބަތުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ. އަބަދުވެސް އަހަރެމެން ލޯބި އޮންނާނެ،" ފަދަ އިބާރާތްތަކެވެ.
"އިނގިރޭސިން ދުށް އެންމެ ވަރުގަދަ ރާނީ އަވަހާރަވުމުން އަހަރެމެން ވަރަށް ހިތާމަކުރަން. އަހަރެމެން އުފާވަނީ މުޅި ހަޔާތް އަހަރެމެންނަށް ހިދުމަތްކުރުމުގައި ދެމިހުރީތީ،" ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯން ހީލީ މާބޮނޑިއަކާއެކު އޮތް މެސެޖެއްގައި ލިޔުއްވާފައިވާފައިވެ އެވެ.
އޭގެ އިތުރުން "ރާނީ އަށް ވަރަށް އިހުތިރާމް ކުރަން. ގަދަރާއި އިހުތިރާމް އަބަދުވެސް އޮންނާނެ. ތިޔައީ އަހަރެމެންގެ ހަޔާތުގައި ފެންނާނެ ހަމައެކަނި ރާނީ،" ފަދަ އިބާރާތްތައް ލިޔެފައިވާ ގިނަ އަދަދެއްގެ މެސެޖްތައް ވެސް ފެނުނެވެ.
އެންމެ ގިނައިން ފެނުނު އަނެއް އިބާރާތަކީ "އަހަރެމެން ރާނީ، ޝުކުރިއްޔާ" ފަދަ މެސެޖެވެ.
މާބޮނޑި ބަހައްޓާފައިވާ ސަރަހައްދުގައި ގަނޑުވަރުން ބަހައްޓާފައިވާ ނޯޓިސްއެއްގައި ވަނީ މަލުގެ ތައުޒިޔާ 12 ގަޑިއިރުވުމުން އެތަނުން ނަގައި ގްރީން ޕާކުގައި ހާއްސަކޮށްފައިވާ ސަރަހައްދުގައި ބަހައްޓާނެ ކަމަށެވެ.
އެތަނުން ދިމާވި އިނގިރޭސި އަންހެނަކު ބުނީ އޭނާ މާބޮނޑި ބަހައްޓަން އެތަނަށް އައީ ގާތްގަނޑަކަށް ދެގަޑިއިރުގެ ދިގު ދަތުރެއް ކޮށްފައި ކަމަށެވެ. އަދި އެ މާބޮނޑި ބެހެއްޓުމަށް އެ ސަރަހައްދަށް ކައިރިވެވުނުއިރު ބައި ގަޑިއިރަށް ވުރެ ގިނައިރު މީހުންގެ ތެރޭގައި ފިތިގެން ހުންނަން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެމެންގެ ހަޔާތުގައި ފެނުނު ހަމައެކަނި ރާނީއަކީ އެލިޒަބަތު ދެވަނަ. އަދި މީގެ ފަހުން ވެސް ނޭނގެ ދުވަހަކު ވެސް އިތުރު ރާނީއެއް މި ގައުމުގެ ތަޚުތައް އަންނާނެ ކަމެއް. އެހެންވެ އަހަރެން ވަރަށް ލޯބިވޭ ރާނީ ދެކެ. އަދި އޭނާ އަވަހާރަވުމުން އަހަރެން ވަރަށް ހިތާމަކުރަން،" އެތަނުން ދިމާވި އެހެން އަންހެނަކު ވަރަށް ދެރަވެފައި ހުރެ ބުންޏެވެ.
އެހެން މީހަކު ބުނީ އިނގިރޭސިވިލާތުގެ ރަސްކަމާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. އަދި މުޅި ގައުމު ނިސްބަތްވަނީ އެ ރަސްކަމަށް ކަމަށާއި ގައުމުގެ ތަހުތުގައި އެންމެ ގިނަ ރެނދަލިކުރެއްވި ރާނީ އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ހިތާމައެއް ކަމަށް ވެސް އެ މީހާ ބުންޏެވެ.
"އަހަރެމެން ވަރަށް ފަޚުރުވެރިވޭ މި ގައުމު ދެކެ. މި ގައުމު މިދިޔަ 50 އަހަރުގެ ތެރޭގައި ހޯދި ކާމިޔާބާއި ކުރިއެރުމުގައި ރާނީ އެލިޒަބަތުގެ ހިއްސާ ވަރަށް ބޮޑު،" އޭނާ ބުންޏެވެ.
އިނގިރޭސިންގެ ތަހުތުގައި 70 އަހަރު ރެދަނލި ކުރެއްވި ރާނީ އެލިޒަބަތު ދެވަނަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް އަވަހާރަވި ހަބަރު ގިނަ ބަޔަކު އެހީ ހައިރާންކަމާއެކު އެވެ. އަދި އެ ވަގުތުން ފެށިގެން އެތައް ހާސް ބަޔަކު ލަންޑަނުގެ މެދު ތެރޭގައި ހުންނަ ޝާހީ އާއިލާގެ ރަސްމީ ގަނޑުވަރު ދޮށަށް ޖަމާވާން ފެށި އެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގައި ކުޑަ ނަގައިގެން އަދި އެތައް ބަޔަކު ތެމިގެން ވެސް ތިއްބެވެ. މިތަނުން ފެނިގެން ދިޔައީ ރާނީ އެލިޒަބަތަށް އިނގިރޭސިންގެ އޮންނަ ހިތާއި ހިތުގެ ލޯތްބެވެ. އެ މީހުންގެ ހިތުން ދުވަހަކު އެލިޒަބަތުގެ ހަނދާންތައް ފޮހެވިގެން ނުދާނެ އެވެ.
އަޅުންވެސް އެމީހުންގެ ސާހިބު މީހާ ދެކެ ލޯބިވާނެތާ، އިނގިރޭސިން އަޅުންގެ ގޮތުގައި 70 އަހަރު ވަންދެކަށް ގެންގުޅުނީމާ އިގިރޭސިންގައި ހުންނަނީވެސް އަޅުންގެ ސިކުޑިޔާއި ސިފަ !