މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތުގެ ހާލުކޮޅު ދެރަވުމާއެކު ދުރުގައި ތިއްބެވި ދަރިދަރިކަލުންނާއި މާމަ ދަރިދަރިކަލުން ވެސް ވަނީ އެކަމަނާގެ އަރިހަށް ދިއުމަށް ވަނީ ދަތުރު ފަށާފަ އެވެ.

އެގޮތުން ޝާހީ އާއިލާއާ ވަކިވެ ވަޑައިގެންފައިވާ އެހެން ނަމަވެސް އެވަގުތު އިނގިރޭސި ވިލާުތުގައި ހުންނެވި މާމަ ދަރިކަލުން ޕްރިންސް ހެރީ ވެސް ވަނީ ސްކޮޓްލެންޑްގެ ބަލްމޯރަލްއަށް ވަޑައިގެންފަ އެވެ.

އެހެން ނަމަވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ކަމަކީ އަނބިކަނބަލުން މޭގަން މާކަލްއާއެކު އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވި ނަމަވެސް ބަލްމޯރަލްއަށް ވަޑައިގަތީ ހެރީ އެކަނި ކަމެވެ. އެއާއެކު ހެރީއާއެކު މޭގަން ނުދިޔައީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލުކުރި އެވެ.

މިހާރު ހަބަރުތައް ބުނާ ގޮތުންނަމަ ހެރީއާއެކު މޭގަން ނުދިޔައީ މިހާރުގެ ރަސްގެފާނު ޗާލްސް ތިންވަނަ އެކަމަށް ނުރުހުންވެ ވަޑައިގަތުމުންނެވެ.

އެގޮތުން ހެރީއާއެކު މޭގަން ރާނީގެ އަރިހަށް އައުން ޗާލްސް ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަށާއި ހެރީ ގިނިކަންޏާ ވަޑައިގަތީ ބައްޕާފުޅުގެ މި އަމުރުފުޅުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެ އެވެ.

"ޗާލްސް ވަނީ މޭގަންއަށް މަރުހަބާ ނުކިޔާނެ ކަމަށް ހެރީއަށް ވަރަށް ސާފުކޮށް އަންގަވާފައި" ނޫސްތަކުގައި ބުނެފައިވެ އެވެ.

ރާނީ އަވަހާރަވުމަށްފަހު ބެލްމޯރަލް ޕެލެސްއިން ނުކުތް ފުރަތަމަ ޝާހީ މެމްބަރަކީ ވެސް ޕްރިންސް ހެރީ އެވެ. އެއާއެކު ހެރީ ވަނީ އަނބުރާ ޗެރިޓީ އިވެންޓުތަކުގައި ބައިވެރިވުމަށް ވަޑައިގަނެފަ އެވެ.

މި އަޑުތަކާއެކު ޝާހީ އާއިލާގެ މެދުގައި ހާއްސަކޮށް ޕްރިންސް ހެރީއާއި އާއިލާގެ އެހެން މެމްބަރުންގެ މެދުގައި އޮތް ނުތަނަވަސްކަން އަދިވެސް ކުޑަ ނުވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ރާނީ އަވަހާރަވި މި ދަނޑިވަޅަކީ ރޫޅިފައިވާ ޝާހީ އާއިލާ އެއްބައިވާނެ ދަނޑިވަޅެއް ކަމަށް ވެސް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.