އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު ދެވަނައިގެ ޖާނާޒާ މިމަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ރާނީ އެލިޒަބަތުގެ ޖާނާޒާ ފަށާނީ މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ލަންޑަންގައި ހުންނަ ވެސްޓްމިނިސްޓާ އަބޭގަ އެވެ.

ޖަނާޒާ އޮންނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

ރާނީގެ ސަންދޯއް މާދަމާ ހެނދުނު 10 ޖަހާއިރު ސްކޮޓްލެންޑްގައި ހުންނަ ބެލްމޯރަލް އެސްޓޭޓްއިން ހޮލީރޫޑް ހައުސް ޕެލަސްއަށް ގެންދާނެ އެވެ. މިއީ ގާތްގަނޑަކަށް ހަ ގަޑިއިރުގެ ދަތުރެކެވެ. އަދި އެތަނުގައި ހުންނަ ތަޚުތު ކޮޓަރީގައި ރާނީއަށް އެ ގަނޑުވަރުގެ މުވައްޒަފުން އެންމެ ފަހު އިހުތިރާމް އަދާކުރާނެ އެވެ.

އަންނަ ހޯމަ ދުވަހު ހޮލީރޫޑް ހައުސްއިން ރާނީގެ ހަށިކޮޅު ގެންދާނީ އެޑިންބަރާގައި ހުންނަ ސެންޓް ގިލް ކެތީޑްރަލްއަށެވެ. އެ ދަތުރުގައި ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމީލާ ވެސް ބައިވެރިވާނެ އެވެ.

ރާނީ އެލިޒަބަތުގެ ހަށިކޮޅު ލަންޑަނަށް ގެނައުމުގެ ދަތުރު އެޑިންބަރާއިން ފަށާނީ އަންނަ އަންގާރަ ދުވަހު ހަވީރު ހައެއް ޖަހާއިރު އެވެ.

ޕްރިންސަސް ރޯޔަލް މަތިންދާބޯޓު ރާނީގެ ހަށިކޮޅު ހިފައިގެން ލަންޑަނުގައި އޮންނަ ރޯޔަލް އެއާފޯސްގެ ނޯތުހޮލްޓަށް ކުރާ ދަތުރުގައި 55 މިނެޓް ހޭދަވާނެ ކަމަށް ލަފާކުރެ އެވެ. އަދި އިންގްލެންޑަށް އައުމާއެކު ގާޑް އޮފް އޮނާއެއް އެރުވުން އޮންނާނެ އެވެ. އަދި ޖެހިގެން އަންނަ ބުދަ ދުވަހު، ދަ އިމްޕީރިއަލް ސްޓޭޓް ކްރައުން ސަންދޯއް ބޭއްވުމަށްފަހު އޭގެ މަތީގައި މާބޮނޑި ބޭއްވުން އޮންނާނެ އެވެ.

އެ ރަސްމިއްޔާތަށް ފަހު މެންދުރު 2:22 ގައި ރަސްމީ އިއްޒަތުގައި ރަސްގެފާނާއި ޝާހީ އާއިލާގެ އެހެން ބޭފުޅުންނާއި، ޝާހީ އާއިލާގެ މުވައްޒަފުން ރާނީގެ ހަށިކޮޅާއެކު ޕެލަސް އޮފް ވެސްޓް މިނިސްޓާ ނުވަތަ މަޖިލިސް ކުރާ ގެއަށް ގެންދާނެ އެވެ. އަދި އެތަނުގައި ރާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް އާއްމުންނަށް ހުޅުވާލާނެ އެވެ.

ވެސްޓް މިނިސްޓާ އަބޭ ނުވަތަ ޝާހީ އާއިލާގެ ރަސްމީ ފައްޅީގައި ޖާނާޒާ ބޭއްވުމަށްފަހު ފަސްދާނުލުމަށް ގެންދާނީ ވިންޑްސާ އަށެވެ. ރާނީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އެކަމަނާގެ ބައްޕާފުޅާއި މަންމާފުޅު ވެސް ފަސްދާނުލާފައިވާ ގަބުރުސްތާނުގަ އެވެ.