އިނގިރޭސިވިލާތުގެ ރާނީ ކްއީން އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ނެޓްފްލިކްސް ގެނެސްދެމުން އަންނަ ސީރީޒް "ދަ ކްރައުން"ގެ ޝޫޓިން މެދުކަނޑާލައިފި އެވެ.

ނެޓްފްލިކްސްއިން ގެނެސްދޭ "ދަ ކްރައުން" އަކީ ރާނީ އެލިޒަބަތްގެ ހަޔާތަށާއި އިނގިރޭސި ޝާހީ އާއިލާގެ އިތުރުން ރަސްކަމުގެ ކަންތައްތައް ބައްޓަން ވެގެން ދިޔަ ކަންތައްތަކަށް ބިނާކޮށްފައިވާ ސީރީޒެކެވެ.

ފުރަތަމަ ސީޒަނުގައި އެލިޒަބަތު 1947 ވަނަ އަހަރު ފިލިޕް އާއި ކައިވެނި ކުރެއްވި ދުވަހުން ފެށިގެން 1955 ވަނަ އަހަރު އޭނާގެ ކޮއްކޮ ޕްރިންސެސް މާގަރެޓް ޕީޓާ ޓައުންސެންޑާ އެންގޭޖްވުމާ ހަމައަށް ގެނެސްދީފައި ވެއެވެ.

މި ސީރީޒްގެ ހަތަރު ސީޒަނެއް މިހާތަނަށް ނެރެފައި ވާއިރު، އެއިން ކޮންމެ ސީޒަނެއްގައި 10 އެޕިސޯޑް ހިމެނެއެވެ. އަދި ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ ގާތްގަނޑަކަށް އެއް ގަޑިއިރެވެ.

މިހާރު އެ ސީރީޒްގެ ފަސް ވަނަ ސީޒަންގެ މަސައްކަތް ނިންމާ އަންނަ ނޮވެމްބަރު މަހު ރިލީޒް ކުރުމަށް ވަނީ ނިންމާފައެވެ. އެ ސީޒަނުގައި ޕްރިންސަސް ޑަޔާނާގެ ހަޔާތްޕުޅާއި ޕްރިންސް ވިލިއަމް އަދި ކޭޓްގެ ބައެއް ވާހަތައް ގެންނާނެއެވެ.

މި ސީރީޒްގެ ހަވަނަ ސީޒަނަކީ އެންމެ ފަހު ސީޒަނެވެ.

https://www.youtube.com/watch?v=JWtnJjn6ng0

މި ޝޯއަށް މިހާތަނަށް 22 އެމީ އެވޯޑް ލިބިފައިވާއިރު، އޭގެ ތެރޭގައި ފާހަގަކޮށްލެވޭ އެއް ޑްރާމާ ސީރީޒް ޓްރޮފީ އާއި އެންމެ މޮޅު ޑްރާމާ އެކްޓްރެސްގެ ޝަރަފު ފޯއީ އާއި ކޮލްމަން އަށް ލިބިފައިވެ އެވެ. 13 އެޕިސޯޑެއްގައި ޕްރިންސް ޗާލްސްގެ ރޯލު އަދާކުރި ޖޯޝް އޯކޮނަރ އަށް ވެސް އެންމެ މޮޅު ޑްރާމާ އެކްޓަރު އެމީ ލިބިފަ އެވެ.