ދެއަހަރަށްފަހު ފުރަތަމަ ފަހަރަށް ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީގެ ދެކަނބަލުން އެކުގައި ފެނިލައިފި އެވެ.
ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން ޕްރިންސް ވިލިއަމްއާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އަދި ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް އެކުގައި ފެނިފައި ވަނީ ލަންޑަންގެ ވިންޑްސާ ކާސަލްއިން ނުކުމެ އެތަނަށް އެއްވެފައި ތިބި މީހުންނަށް ސަލާމް ކުރައްވަނިކޮށެވެ.
މިއާއެކު ޝާހީ އާއިލާގެ ސަޕޯޓަރުންނަށް ރޫޅިފައިވާ އެއާއިލާ އަލުން ގުޅިދާނެ ކަމުގެ އާ އުއްމީދެއް ވަނީ ލިބިފަ އެވެ. ރާނީ އަވަހާރަވުމަކީ ދުރުވެފައިވާ ދެބެއިން ކައިރިކޮށްދޭނެ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު އައީ ބުނަމުންނެވެ.
ހަބަރުތައް ބުނާ ގޮތުގައި ޗެރިޓީ އިވެންޓަކަށް އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވި ޕްރިންސް ހެރީއަށް ބޭބޭފުޅު ޕްރިންސް ވިލިއަމް ވަނީ އެ ބޭފުޅުންނާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ.
މިކަން މިގޮތަށް ހިނގާފައިވަނީ ޕްރިންސް ހެރީގެ ދަތުރުފުޅުގައި ބައްޕާފުޅު ރަސްގެފާނު ޗާލްސްއާއެކު ހުންނެވުމަށް އެމަނިކުފާނު ދެއްވި ދައުވަތަށް ހެރީ ފުރަގަސް ދެއްވާފައި ވަނިކޮށެވެ.
އެލިޒަބަތު އަވަހާރަވި ވަގުތު އިއްތިފާގުން ދިމާވީ ޗެރިޓީ އިވެންޓުތަކެއްގައި ބައިވެރިވުމަށް ހެރީގެ ދެކަނބަލުން އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވި ވަގުތަކާ އެވެ. މި އިއްތިފާގަކީ ހިތާމައިގެ މި ދަނޑިވަޅުގައި ޕްރިންސް ހެރީ އާއިލާއާއެކު ހުންނެވުމަށް ތަގުދީރު ނިޔާކުރި ގޮތް ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ކޮންމެއަަކަސް ޝާހީ ދެބެއިންގެ މި ފެނިލުމަކީ އިނގިރޭސި ވިލާތުގެ ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިން ކަމެކެވެ.