އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނަގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވިތާ ދޮޅު އަހަރު ފަހުން، އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލާން ނަގައިފި އެވެ.

ޕްރިންސް ފިލިޕް އަވަހާރަވިތާ 17 މަސް ދުވަސް ވެފައިވާއިރު މިހާތަނަށް ޖެހެންދެން އެމަނިކުފާނުގެ ހަށިކޮޅު އޮތީ ރޯޔަލް ވޯލްޓް ނަމަކަށް ކިޔާ ވިންޑްސާ ގަނޑުވަރުގެ ބިމުއަޑީ ބިންގަރާހެއްގަ އެވެ.

ރޯޔަލް ވޯލްޓަކީ ފިނިހޫނިމިން ވަރަށް ދަށްކޮށް އިންސާނުންގެ ގަބުރު ކުނި ނުވާ ގޮތަށް ތައްޔާރު ކުރެވިފައިވާ ބިންގަރާހެކެވެ. މިއީ "ޝާހީ ރެފްރިޖަރޭޓަރު" ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ހަޖޫ ވެސް ޖަހަމުންނެވެ.

ގާތްގަނޑަކަށް 18 މަސް ދުވަސް ވަންދެން ރޯޔަލް ވޯލްޓުގައި ޕިލިޕްގެ ހަށިކޮޅު ބާއްވާފައި ވަނީ އެލިޒަބަތު އަވަހާރަވުމުން އެކަމަނާއާއެކު ފަސްދާނު ލުމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާނީ އަވަހާރަވުމާއެކު ފިލިޕްގެ ހަށިކޮޅު ވެސް ވަނީ ރޯޔަލް ވޯލްޓުން ނަގައި ރާނީގެ އަރިހުގައި ފަސްދާނުލުމަށް ތައްޔާރު ކުރެވިފަ އެވެ.

ރޯޔަލް ވޯލްޓުގައި މީގެ ކުރިން ވެސް ޝާހީ އާއިލާގެ ގިނަ މެމްބަރުންތަކެއްގެ ހަށިކޮޅު ބާއްވާފައިވެ އެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ ރަސްމީ އިއްޒަތާއި ޝަރަފުގައި ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.