އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހަމަހިމޭންކަމުގެ ސުލޫތެއް ގެނެސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ރައީސް ނަޝީދު ވަނީ ހަމަ ހިމޭންކަމުގެ ސުކޫތެއް ގެންނެވުމަށް ފަހު، ރާނީއަށް ތައުޒިޔާ ވިދާޅުވެ އެއްޗެއް ވިދާޅުވުމަށް މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ވަކިވަކިން ފުރުސަތު ދެއްވާފަ އެވެ.
މި ފުރުސަތުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ އެލިޒަބަތުގެ ރަނިކަމުގައި ރާއްޖެއަށް އައި ބަދަލުތަކަށް އަލި އަޅުވާލައްވައިފައެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ރާނީގެ ވެރިކަމުގައި އިނގިރޭސިވިލާތުން ރާއްޖެއަށްވެސް ބޮޑެތި އެހީތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ގަވަމެންޓު ހޮސްޕިޓާ ގާއިމުކޮށްދިނީ އިނގިރޭސި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީއާއި މަޖިލީހުގެ މެންބަރުންނާއި އަދި އާންމުކޮށް ދިވެހިރައްޔިތުންގެ ނަމުގައި ރަސްގެފާނު ޗާލްސްއާއި ޝާހީ އާއިލާއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރާއި ރައްޔިތުންނަށް އަސްލަމްވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ޕީއެންސީގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ރާނީގެ ރަނިކަމުގެ ކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ.
ހާއްސަކޮށް އަންހެނުން ބާރުވެރިކުުރުމަށް ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. އަދި އިނގިރޭސިވިލާތް އުނދަގޫ ދުވަސްވަރެއް ތަހައްމަލުކުރަމުން ދިޔައިރު ވެސް ގައުމުގެ ހަމަޖެހުމަށް ރާނީ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސްވަނީ ތައުޒިޔާގެ ވަގުތުގައި ވާހަކަދައްކަވާފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިނގިރޭސިވިލާތުގެ ރާނީގެ މަގާމުގައި ހުންނަވައިގެން ރާނީ އެލިޒަބަތު ވަރަށް ބޮޑެތި އެހީތަކެއް ދިވެހިރާއްޖެއަށް ދެއްވައި ވަރަށް ގިނަ ހިދުމަތްތަކެއް ދިވެހިރާއްޖެއަށް ކުރައްވާފައިވާ ކަމަށެވެ.