ޓޯކްޔޯ (12 ސެޕްޓެމްބަރު) - ޖަޕާނުގެ ބޯޑަރު ހުޅުވައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ މަގްސަދުގައި އެ ގައުމުން ދޭ ޓޫރިސްޓް ވިސާ ހޯދުމުގައި އިތުރު ލުއި ތަކެއް ދޭން އެގައުމުން ނިންމައިފި އެވެ.

ޖަޕާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އަލަށް ދޭން ފަށާ ލުއިތައް މި ހަފްތާ ތެރޭގައި ބޮޑުވަޒީރު ފުމިއޯ ކިޝިޑާގެ އޮފީހުން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

މިއާއެކު ޖަޕާނަށް އައުމުގައި އެ ގައުމުގެ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް ހަދާފައިވާ ހޮޓެލް ބުކިންއެއް ދައްކާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އެގައުމުން ވަނީ އެގައުމަށް އެތެރެ ވުމުގެ ކުރިން ޕީސީއާރް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލާފަ އެވެ.

ޖަޕާނަކީ ކޮވިޑް 19އާ ގުޅިގެން އެންމެ ގިނަ ދުވަސް ވަންދެން ބޯޑަރު ބަންދުކޮށް އަދި ހުޅުވުމަށްފަހު ވެސް އެންމެ ވަރުގަދަ ހިފެހެއްޓުންތައް ގެންގުޅޭ އެއްގައުމެވެ.

ކޮވިޑްގެ ކުރިން 68 ގައުމަކަށް ޖަޕާންގެ އޮން އެރައިވަލް ވިސާ ލިބުނު ނަމަވެސް ކޮވިޑްއާ ގުޅިގެން ފަތުރުވެރިން އައުމުގެ ކުރިން ޓޫރިސްޓް ވިސާ ހޯދަން ޖެހޭ ގޮތަށް އެގައުުމުން ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ ހަފްތާގައި ޖަޕާނަށް 50،000 ފަތުރުވެރިން ޒިއާރަތް ކޮށްފައިވާއިރު މިއީ ކޮވިޑްގެ ފަހުން މިހާތަނަށް އެއް ހަފްތާ ތެރޭގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިއާރަތް ކުރި ހަފްތާ އެވެ.

ޖަޕާނަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ. އެގައުމުގެ ރީތި ވާދީތަކާއި މޫސުމަކީ އެތައް ބަޔަކު ބަލާލާ ތަޖުރިބާ ކޮށްލަން ބޭނުންވާ ކަންކަމެވެ. -- އަލް އަރަބިއްޔާ