ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ރާނީ ވެރިކަން ކުރެއްވި އިރުގައި އިނގިރޭސި ދައުލަތުގެ ފަރާތުން ރާއްޖެއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަމަށެވެ. އަދި ރާނީގެ ޒައާމަތުގައި ރާއްޖެ އަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މީގެކުރިން، އިނގިރޭސިންގެ ހިމާޔަތް ނުލިބުނަމަ، ދިވެހިންނަށް ވަރަށް ނިކަމެތިކަމާ ކުރިމަތިލާން ޖެހުނީސް ކަމަށެވެ. އަދި ދިވެހިން އަމިއްލަ އަށް ކަންކަން ކުރެވެން ފެށުމުން ރާނީގެ ވެރިކަމުގައި ދިވެހިންނަށް މިނިވަން ކަން ވެސް ހޯދައި ދެއްވި ކަން ގާސިމް ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ އެކަމަށްޓަކައި އަޅުގަނޑުމެން ޖެހޭ އެކަމަނާ އަށް ޝުކުރު އަދާކުރަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުގެ ހޮސްޕިޓަލެއް ވެސް ފުރަތަމަ ލިބިފައި ވަނީ ރާނީ ކުރެއްވި މަސައްކަތުންނެވެ. އަދި ރާއްޖެ އަށް ކްރޭން ގަނޑެއް ވެސް ދިނީ އިނގިރޭސި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ނީލް ކްރޭން ކިއާ ކްރޭނެއް، ދެން އޭގެ ފަހުން ކޯލިޝް ކްރޭން ކިއާ ކްރޭނެއް އިނގިރޭސި ސަރުކާރުން، އެކަމަނާ ދެއްވި އެއްޗެއް، އޭގެ އިތުރުން ގޯލްޑަން ރޭ އަދި ސިލްވާ ކްރެސްޓް ވެސް ދެއްވި،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.