އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހުގެ 14ވާ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން އެކި ފަރާތްތަކުން ޕްރެޝާކުރަން ފެށުމުން ސަރުކާރުން ތާރީހުތަކެއް ދިނެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްނުވާތީ ހުއްދަ ދިނުން ލަސްކުރީ އެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތަށް ބަލައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 17 ގަ އެވެ. އޭގެ 212 ދުވަސް ފަހުން އޮކްޓޫބަރު 15 ން ފެށިގެން އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދޭން ފަށައިފަ އެވެ.
އެ ހުއްދަ ސަރުކާރުން ދެނީ ހާއްސަ ގައިޑްލައިނެއް އެކުލަވާލުމަށްފަހު އެވެ.
އެ ގައިޑްލައިންގައި ރަށްރަށަށް ގޮސް އުޅޭ ޓޫރިސްޓުންނާއި އެ ރަށް ރަށުގެ އާންމު ރައްޔިތުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ހިމަނާފައިވެ އެވެ. އަދި ޓޫރިސްޓުންނަށް މީހުން ދިރިއުޅޭ ގެތަކަށް ދިއުން މަނާވާނެ އެވެ. އަދި އާއްމުން ގޮސް އުޅޭ ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތް ހޯދަން ބޭނުންވާ ޓޫރިސްޓުންނަށް ހިދުމަތް ދޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހެ އެވެ.
މީގެ އިތުރުން އެ ރަށެއްގެ އާއްމުން ވެސް މާސްކް އެޅުމާއި ޓޫރިސްޓެއްގެ ކިބައިން ކޮވިޑްގެ އަލާމަތްތައް ފެނިއްޖެ ނަމަ އައިސޮލޭޓް ވެވޭނެ އިންތިޒާމް އާއި އެ ޓޫރިސްޓުންނަށް ހިދުމަތްދޭ ސްޓާފުންނަށް އައިސޮލޭޓް ވެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނަން ޖެހޭނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ރާއްޖޭގެ 8 އަތޮޅަކުން 24 ރަށެއްގެ 125 ގެސްޓްހައުސެއް ވަނީ އަލުން ހުޅުވާފަ އެވެ. އެއާއެކު ގެސްޓުހައުސްތަކުން ޓޫރިޒަމަށް ވަނީ 2،476 އެނދު އޮޕަރޭޝަނަށް ގެނެސްފަ އެވެ.