އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ހަތް ދިހަ އަހަރުގެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމަށް ފަހު އިނިގިރޭސި ރާނީ އެލިޒަބަތު II އުމުރުފުޅުން 96 އަހަރުގައި އަވަހަރަވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު، ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގެކޮޅު ބެލްމޯރަލް ކާސްލްގަ އެވެ. ރާނީ އަވަހާރަވުމާ ގުޅިގެން، އެ ކަމަނާގެ ދޮށީ ދަރިކަލުން ޗާލްސް މިހާރު ވަނީ ރަސްގެފާނަށް ވެވަޑައިގެންފަ އެވެ.
ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމުގެ ދައުވަތު ދުނިޔޭގެ ގިނަ ގައުމުތަކުގެ އެންމެ އިސްވެރިންނަށް ވަނީ އަރުވައިފަ އެވެ. އޭގެ ތެރެއިން ގިނަ ވެރިން އިހްތިފާލުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ވަނީ ބުނެފަ އެވެ. ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް ބޮޑެތި ވަފުދުތައް އެއްވެސް ގައުމަކުން ވަޑައިނުގެންނެވުމަށް ޝާހީ ގަނޑުވަރުން ވަނީ ގައުމުތަކުގައި އެދިފަ އެވެ. އެއީ ޖަނާޒާ ކުރިއަށްދާ ސަރަހައްދުގައި ޖާގައިގެ ދަތިކަން ހުރުމުންނެވެ.
މި އިހްތިފާލުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ގައުމުތަކުގެ ވެރިންގެ އިތުރުން އެބޭފުޅުންގެ އަނބިން ނުވަތަ ފިރިންނަށެވެ. އަދި ވަޑައިގެންނެވެން ނެތް ނަމަ ކޮންމެވެސް އެއް މަންދޫބަކަށެވެ.
ރާނީ ފަސްދާނުލާން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 19 ވާ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގަ އެވެ.