ރ. އަތޮޅުގެ ރަށްތަކުގައި ޚިދުމަތްކުރަން ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން ހޯދަން އިއުލާނުކޮށްފި އެވެ.

އެ އަތޮޅުގެ މައި ރަށް ކަމަށްވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ރ. އަތޮޅުގެ ސިއްހީ މަރުކަޒުތަކުގަ އާއި ރީޖަނަލް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާނެ ސިއްހީ ހިދުމަތްތެރިން ހޯދަން އިއުލާނު ކޮށްފަ އެވެ. އެގޮތުން 100 އަށް ވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ހޯދަން އެ ހޮސްޕިޓަލުން އިއުލާންކޮށްފައިވެ އެވެ.

އެ ހޮސްޕިޓަލުން މުޅި އަތޮޅުގައި މަސައްކަތް ކުރާނެ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް އިއުލާނުކޮށްފައިވެ އެވެ. އެގޮތުން 72 ނަރުހުންނާއި، 30 މެޑިކަލް އޮފިސަރުންގެ އިތުރުން 23 ޑޮކްޓަރުން ހޯދުމަށް އިއުލާންކޮށްފައިވެ އެވެ.

ހޯދުމަށް އިއުލާނުކޮށްފައިވާ 23 ޑޮކްޓަރުންނަކީ ތަފާތު 12 ދާއިރާއަކަށް ޚާއްސަކޮށްގެން ހޯދާ ޑޮކްޓަރުންނެވެ. އެއީ ހޭނައްތުމަށާއި، އޮޕަރޭޝަން ކުރުމަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން، ކުޑަކުދިންގެ ޑޮކްޓަރުންނާއި އެތެރެހަށީގެ ޑޮކްޓަރުންނެވެ. އަދި އަންހެނުންނަށް ހާއްސަ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރުންގެ އިތުރުން ހަމަށާއި ލޮލަށް ހާއްސަ ޑޮކްޓަަރުންނާއި ކަރުންމަތީގެ ޑޮކްޓަރުން، އަދި ސައިކޭޓްރިސްޓުންނާއި ރޭޑިއޮލޮޖިސްޓުން ހޯދުމަށް އެ ހޮސްޕިޓަލުން އިއުލާނުކޮށްފައިވެ އެވެ.

އޭގެ އިތުރުން ނަރުހުންނަށް ހުޅުވާލާފައި ވަނީ ކްލިނިކަލް ނާސް، ސީނިއާ ރެޖިސްޓާޑް ނާސް، އަދި ރެޖިސްޓާޑް ނާސްގެ މަގާމުތަކަށެވެ. އަދި މެޑިކަލް އޮފިސަރުންނަށް ސީނިއާ މެޑިކަލް އޮފިސާކަމުގެ މަގާމަށާއި، މެޑިކަލް އޮފިސަރުކަމުގެ މަގާމަށް ހުޅުވާލާފައިވެ އެވެ.