ރައީސްގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހުތިރާމާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު ދެ ވަނައާ މުހާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމުގައި ވެސް ވަނީ ބަޔާންކުރައްވާފައި.

މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ރަނިކަމުގެ ތަޚުތުގައި 70 އަހަރަށްވުރެ ގިނަދުވަހު އިންނެވި، ރާނީ އެލިޒަބަތު 2 ވަނަ ޢުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ސޮއިކުރައްވައިފި އެވެ.

ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ މި ތަޢުޒިޔާގެ ދަފްތަރުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ރާނީ އެލިޒަބަތު ދެ ވަނައިގެ ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގަ އެވެ. އަދި، އިނގިރޭސި ވިލާތާއި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކަމަނާ ކުރެއްވި ހިދުމަތްތައް ކުރައްވާފައި ވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް މި ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ރައީސްގެ ދެކަނބަލުން އިތުރަށް ލިޔުއްވާފައިވާ ގޮތުގައި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިހުތިރާމާއެކު ކަމަށާއި، ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތު ދެ ވަނައާ މުހާތަބްކޮށް "ރާނީ" އެކަނި ކިޔަނީ އެކަމަނާއަށް ދީފައިވާ މަތިވެރި ގަދަރަކުން ކަމުގައި ވެސް ވަނީ ބަޔާންކުރައްވާފަ އެވެ. އަދި، އެކަމަނާއަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ގައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުޞަތު ދެއްވި ބޭކަނބަލެއްކަން ވަނީ އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފާހަގަކުރައްވާފަ އެވެ.