އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިޙާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާއަކީ، ރިޝްވަތު ހިފުމުގެ ދައުވާ، މަނީ ލޯންޑަރިންގެ ދައުވާ، ރިޝްވަތު ލިބިގަތުމަށް އެދުނުކަމުގެ ދެ ދައުވާ އަދި ރިޝްވަތުގައި ހިފުމުގެ ދެ ދައުވާ އެކެވެ.

ނިހާންގެ މައްޗަށް އެ ދައުވާތައް ކުރަނީ، އޭނާ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް، ގިނަ އަދަދެއްގެ ފައިސާ ނެންގެވި ކަމަށް ތުހުމަތުކޮށްގެންނެވެ. އަދި މީގެ ތެރޭގައި އޭނާ ހޯދިކަމަށް ބުނާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އެ މައްސަލައިގައި ދައުލަތުން އެދިފައިވެ އެވެ.

އެ މައްސަލާގައި އޭނާގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ޕީޖީ ޝަމީމާއި މަހުލޫފު އަދި އަލީ ވަހީދުގެ ނަން ހުށަހަޅުއްވާފައިވެ އެވެ. ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަދީބުގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވިއިރު އޭނާ ކުރައްވާފައިވާ ޓުވީޓަކާ ގުޅިގެންނެވެ.

ޝަމީމުގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާއިރު، މިއީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމު އުފެއްދި ފަހުން ދިފާއީ ހެއްކެއްގެ ގޮތުގައި އެ މަޤާމުގައި ހުންނެވި ބޭފުޅަކު ކޯޓަކަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުމުން ދައުލަތުން ވަނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރޭގައި ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް މިއަދު އޮތް ކުރިމިނަލް ކޯޓުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ޝަމީމު ދިފާއީ ހެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފަ އެވެ.

ދެން ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވާފައިވާ މަހުލޫފާއި އަލީ ވަހީދުގެ ނަންތައް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ މަސައްކަތްތައް ކުރަމުން އައި ގޮތް ސާބިތުކުރުމަށާއި، އަދީބުގެ ފޯނުން ނަގާފައިވާ މޯބައިލް ފޮރެންސިކް ހެއްކާމެދު ސުވާލު އުފެދޭކަން ސާބިތުކުރުމަށެވެ.

ދައުލަތުން ވަނީ އެ ދެ ބޭފުޅުންނަކީ ދައުވާއާ ގުޅުމެއް ނެތް ބޭފުޅުންކަމަށް ބުނެ އެ ބޭފުޅުން ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމާ ދެކޮޅު ހަދައިފަ އެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައި ވަނީ އެ ބޭފުޅުން ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި މަސައްކަތް ހިނގި ގޮތް ސާބިތުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ދިފާއީ ހެކިންގެ ގޮތުގައި ނިހާނު ހުށަހެޅުއްވި ނަމަވެސް އެ ނަންތައް ބަލައިނުގަތުމަށް ގާޒީ ނިންމަވާފައިވެ އެވެ.

އެހެން ނަމަވެސް ޕީޕީއެމްގެ ކުރީގެ އަދި މިހާރުގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންގެ ދިފާއީ ހެކިންގެ ގޮތުގައި ބަލައިގަތުމަށް ގާޒީ ނިންމެވި އެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އާއި ކުރީގެ މެމްބަރުން ކަމަށްވާ އަލީ އާރިފާއި އިބްރާހިމް ޝުޖާއު އާއި އިބްރާހިމް ފަލާހާއި މެމްބަރު އަބްދުﷲ ރިފާއު ވެސް ހިމެނެ އެވެ.

ނިހާނުގެ ފަރާތުން އަދީބު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށާއި، އަދީބުގެ ފޯނުގެ މޯބައިލް ފޮރެންސިކް ރިޕޯޓާއި ނިހާނުގެ ބޭންކު ސްޓޭޓުމެންޓުތައް ހެކީގެ ގޮތުގައި ބަލައިނުގަންނަން ހުށަހެޅި ނަމަވެސް އެ ހުށަހެޅުންތައް އޭނާއަށް ކާމިޔާބުނުކުރެއްވުނެވެ.

މި ދައުވާތަކަށް ނިހާން އިންކާރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެކަށް އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ.