ފަހަކަށް އައިސް އިނގިރޭސި ވިލާތުގައި ބާއްވާ އެންމެ ބޮޑު އެއްވުމަކަށް ވާނީ އަންނަ ހޯމަ ދުވަހު ބާއްވާ ރާނީ އެލިޒަބަތުގެ ޖަނާޒާ އެވެ. ޖަނާޒާގެ ދައުވަތު މި ހަފުތާ ބަންދުގައި ގައުމުތަކަށް ފޮނުވާފައިވާ އިރު އެ ރަސްމިއްޔާތުގައި އެކި ގައުމުތަކުގެ ވެރިންނާއި ބޭރުގެ އިއްޒަތްތެރިންގެ ގޮތުގައި 500 ވަރަކަށް ބޭފުޅުން ބައިވެރިވާނެ އެވެ.
ގިނަ ބޭފުޅުން ލަންޑަނަށް ވަޑައިގަންނަވާނީ ކޮމާޝަލް ފްލައިޓްތަކުގަ އެވެ. ރާނީގެ ޖަނާޒާ ބާއްވާ ވެސްޓްމިންސްޓާ އަބޭގެ ޖާގައަކީ ގާތްގަނޑަކަށް 2،200 މީހުންނެވެ. ތިރީގައި އެ ވަނީ ރާނީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވާ އަދި ބައިވެރި ނުވާނެ ކަމަށް ބެލެވޭ ބޭފުޅުންނެވެ.
ޔޫރަޕުގެ ޝާހީ އާއިލާތައް
ރާނީގެ ޖަނާޒާ އަށް ވަނީ ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުގެ ޝާހީ އާއިލާތަކަށް ދައުވަތު ދީފަ އެވެ. މީގެ ތެރޭން ގިނަ އާއިލާތަކަކީ ރާނީއާ ލޭގެ ގޮތުން ގާތްތިމާގެ ބޭފުޅުންނެވެ.
ބެލްޖިއަމްގެ ރަސްގެފާން ފިލިޕް އާއި ރާނީ މަތިލްޑޭ ވަނީ ޖަނާޒާ އަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ނެދަލޭންޑްސްގެ ރަސްގެފާން ވިލެމް-އެލެގްޒެންޑާ އާއި އަނބިކަނބަލުން ރާނީ މެކްސިމާ އަދި ރަސްގެފާންގެ މަންމާފުޅު އަދި ނެދަލޭންޑްސްގެ ކުރީގެ ރާނީ ޕްރިންސެސް ބީޓްރިކްސް ވެސް ޖަނާޒާ އަށް ވަޑައިގަންނަވާނެ އެވެ.
ސްޕޭނުގެ ރަސްގެފާން ފެލިޕެ އާއި ރާނީ ލެޓިޒިއާ ވެސް ވަނީ ޖަނާޒާގެ ދައުވަތު ގަބޫލް ކުރައްވައިފަ އެވެ. މީގެ އިތުރުން ނޯވޭ، ސްވިޑަން، ޑެންމާކް އަދި މޮނާކޯގެ ޝާހީ އާއިލާގެ ބޭފުޅުން ވެސް ރާނީގެ ޖަނާޒާ އަށް ލަންޑަނަށް ވަޑައިގަންނަވާނެ އެވެ.
އެމެރިކާގެ ރައީސުން
އެމެރިކާގެ ރައީސް ޖޯ ބަޑައިޑަން އާއި ފަސްޓް ލޭޑީ ޖިލް ބައިޑަން ޖަނާޒާ އަށް ވަޑައިގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ. ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ލަންޑަނަށް ވަޑައިގަތުމަށް ބައިޑަން ދައުވަތު ދެއްވާނެ ކަމާމެދު ބޮޑު ޝައްކެއް ވަނީ އުފެދިފަ އެވެ. އެމެރިކާގެ ވަފުދު ކުޑަކުރުމުގެ ގޮތުން ކުރީގެ ގިނަ ރައީސުންނަށް ދައުވަތު ދިނުން އެހާ މުހިންމު ކަމަކަށް ނުބެލެ އެވެ. ނަމަވެސް ކުރީގެ ރައީސުން ކަމަށްވާ އޮބާމާ ފަދަ ބޭފުޅުންނަށް ވަނީ ވަކިން ދައުވަތު ދެއްވައިފަ އެވެ.
އެމެރިކާގައި 1977 އިން 1981 އަށް ރައީސްކަން ކުރެއްވި ޖިމީ ކާޓާ އަށް ދައުވަތު ލިބިވަޑައިގެންފައި ނުވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ވަނީ ބުނެފަ އެވެ.
ކޮމަންވެލްތު ގައުމުތަކުގެ ވެރިން
އެ ގައުމުތަކުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ރާނީ ތަމްސީލްކުރައްވާފައިވާ ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ވެރިން ރާނީ އެލިޒަބަތުގެ ޖަނާޒާ އަށް ވަޑައިގަންނަވާނެ އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ދައުވަތު ގަބޫލް ކުރައްވައިފަ އެވެ. ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑާ ވެސް ޖަނާޒާ އަށް ލަންޑަނަށް ވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން އެ ގައުމުތަކުގެ ރަސްކަމުގެ މަންދޫބުންގެ ގޮތުގައި ހިމެނޭ ގަވަރުނަރު-ޖެނެރަލުން ވެސް ޖަނާޒާ އަށް ވަޑައިގަންނަވާނެ އެވެ.
ބަންގްލަދޭޝްގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް ވެސް ޖަނާޒާ އަށް ލަންޑަނަށް ވަޑައިގަންނަވާނެ އެވެ. އިންޑިއާ ތަމްސީލް ކުރައްވާނީ ރައީސް ޑްރޫޕަޑި މުރްމޫ އެވެ.
ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރާނީގެ ޖަނާޒާ އަށް ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ އެހެން ލީޑަރުން
ރާނީގެ ޖަނާޒާ އަށް ވަޑައިގަތުމަށް ދައުވަތު ގަބޫލް ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޖަރުމަނުގެ ރައީސް ފްރޭންޑް-ވޯލްޓާ ސްޓޭއިންމިއާ، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ، ސައުތު ކޮރެއާގެ ރައީސް ޔޫން ސުކް-ޔިއޯލް، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯ ހިމެނެ އެވެ. މީގެ އިތުރުން ޖަޕާނުގެ އެމްޕަރަ ނަރުހީޓޯ އާއި ތުރުކީގެ ރއީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވެސް ލަންޑަނަށް ވަޑައިގަންނަވާނެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ދައުވަތު ލިބިވަޑައިގެންނެވި ކަމެއް ނުވަތަ ދައުވަތު ގަބޫލް ކުރެއްވި ކަމެއް އަދި ނޭނގެ އެވެ. ޝީ ޖިންޕިން ވަނީ ކޮވިޑް-19 ފެތުރެން ފެށި ފަހުން، ފުރަތަމަ ފަހަރަށް މިދިޔަ ހަފުތާގައި ގައުމުން ބޭރަށް ވަޑައިގެން ކަޒަކްސްތާން އާއި އުޒްބެކިސްތާނަށް ވަޑައިގެންފަ އެވެ.
ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގައިވާ އިރާން ތަމްސީލް ކުރާނީ އެމްބެސެޑާ ލެވެލްގަ އެވެ.
ދައުވަތު ނުދޭ ބޭފުޅުން
އިނގިރޭސި ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސީރިއާ، ވެނެޒުއެލާ، އަދި އަފްގާނިސްތާނުގެ މަންދޫބުންނަށް ރާނީގެ ޖަނާޒާ އަށް ދައުވަތު ދީފައެއް ނުވެ އެވެ. ސަބަބަކީ އެ ގައުމުތަކާ އެކު އިނގިރޭސި ވިލާތުން ޑިޕްލޮމެޓިކް ފުރިހަމަ ގުޅުން ގާއިމްކޮށްފައި ނުވާތީ އެވެ.
ނޯތު ކޮރެއާ އާއި ނިކަރާގުއާ އަށް އަންގާފައި ވަނީ ވެރިންގެ ބަދަލުގައި އެމްބަސެޑަރުން ޖަނާޒާ އަށް ފޮނުވުމަށެވެ.
ރަޝިޔާ، މިއަންމާ އަދި ބެލާރުސްގެ އެއްވެސް ބޭފުޅަކަށް ރާނީގެ ޖަނާޒާ އަށް ދައުވަތު ދީފައެއް ނުވެ އެވެ. ރަޝިޔާ އިން ޔުކްރޭނަށް އެރި ފަހުން ޔޫކޭ-ރަޝިޔާގެ ޑިޕްލޮމެޓިކް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ މަންދޫބަކު ވެސް ވިދާޅުވެފައި ވަނީ ރާނީ ގެ ޖަނާޒާގައި އެ ގައުމުގެ މަންދޫބަކު ތަމްސީލް ކުރަން ގަސްދު ނުކުރާ ކަމަށެވެ. ބެލާރުސްގެ ރައީސް އެލެކްސަންޑާ ލުކެޝެންކޯ އަކީ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
މިއަންމާ އަށް ފެބްރުއަރީ 2021 ގައި އަސްކަރީ ބަގާވާތް ގެނައި ފަހުން އެ ގައުމާއި ޔޫކޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ހާދަހާ ވާ ޒާތީ ތަފާތު ކުރުން ބޮޑު ޤައުމެއްތާ ، 70 އަހަރުވަންދެކަ ފަލަސްތީނުގެ ކުޑަކުދިން އަންހެނުން މުސްކުޅިން ޝަހީދު ކުރުމުގައި ޔަހޫދީ ޒަޔަނިސްޓުންނަށް އެހީތެރިވި އުޅުނު އިގިރޭސިވިލާތަށް އދ ގައި ވީޓޯ ކުރުމުގެ ބާރު އޮވެމެ އެއްވެސް ފިޔަވަޅެއް ޒަޔަނިސްޓުންނާއި ދެކޮޅަށް ނާޅުއްވާ ހުރިބޭފުޅެއް !