އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާއެކު އެކަމަނާއާ ގުޅުންހުރި އެކި ކަންކަން އަންނަނީ ފެންމަތިވަމުންނެވެ. މިހަރު މިއޮތީ އެކަމަނާގެ އިސްތަށިފުޅުގައި 70 އަށްވުރެ ގިނަ އަހަރު ވަންދެން އަޅުއްވައިގެން އުޅުއްވި ތާޖުގެ ވާހަކަ އެވެ.

މި ތާޖަކީ އެކި ޖަވާހިރުތަކާއި މުތްތަކުން ޒީނަތްތެރި ކުރެވިފައިވާ ތާޖެކެވެ އެގޮތުން މިތާޖުގައި 2868 ޖަވާހިރާއި 273 މުތުގެ އިތުރުން 11 އެމެރަލްޑް، 17 ސެފަޔާ އަދި ފަސް ރޫބީ އެކުލެވިގެންވެ އެވެ.

1937 ވަނަ އަހަރު އުފެއްދި މިތާޖަކީ އޭގެ ކުރިން އިނގިރޭސި ޝާހީ އާއިލާގައި ބޭނުންކުރި ތާޖަށް ވުރެ ލުއި ތާޖެއް ނަމަވެސް އޭގެ ބަރުދަނުގައި 1.06 ކިލޯގްރާމް ހުރެ އެވެ.

ތާޖާ ބެހޭގޮތުން ވާހަކަ ދައްކަވަމުން 2018 ވަނަ އަހަރު އެލިޒަބަތު ވިދާޅުވެފައިވަނީ ތާޖު ބަރުކަމުން ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާއިރު އިސްދަށަށ ޖަހައިގެން ގެންގުޅުއްވާ ކަރުދާހަށް ނުބެލޭ ކަމަށާއި އެހެން ކަމުން އެއާއެކު އުޅުއްވަން ދަތި ކަމަށެވެ.

ރަނިކަމުގެ ދައުރުގައި އެލިޒަބަތު ވަނީ ރަސްމީ ހަފްލާތަކުގެ އިތުރުން މަޖިލިސް ހުޅުވުމުގެ ހަފްލާތަކުގައި ވެސް ތާޖު ތުރު ކުރައްވާފަ އެވެ

މި ތާޖަކީ އެލިޒަބަތުގެ ނަންފުޅާ ގުޅިފައިވާ ތާޖެއް ނަމަވެސް 2019 ވަނަ އަހަރން ފެށިގެން އެކަމަނާ ގެންގުޅުއްވީ އެއަށްވުރެ ލުއި ފަސޭހަ ތާޖެކެވެ. 2021 ވަނަ އަހަރު އެންމެ ފަހުން ރަސްމީ ހަފްލާއެއްގައި ބައިވެރިވެ ވަޑައިގެންނެވި ފަހަރު އެކަމަނާ އެއްވެސް ތާޖެއް ބޭނުން ކުރައްވާފައެއް ނުވެ އެވެ.

ރާނީގެ ތާޖު މިވަގުތު ވަނީ ވެސްޓް މިނިސްޓާގައި އޮތް އެކަމަނާގެ ސަންދޯއްކޮޅު މަތީގައި ބޭއްވިފަ އެވެ.