އިނގިރޭސި ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވުމާއެކު އެންމެފަހުގެ އިހުތިރާމު އަދާކުރުމަށް އެތައް ރައްޔިތުންނެއް ތިބީ މަގުތަކުގަ އެވެ. އަދި ރާނީގެ ޖަނާޒާގެ ކުރިން، ރާނީގެ ސަންދޯއް ދެކިލުމަށް ވެސް އެތައް ބަޔަކު ކިއޫގައި ތިބިކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކިޔޫގައި މިލިއަނަކާ ގާތް ކުރާ އަދަދަކަށް މީހުން ތިބި އިރު، އެ ކިޔޫގައި ހުރި މަޝްހޫރު ފްޓްބޯޅަ ކުޅުންތެރިޔާ، ޑޭވިޑް ބެކަމަށް ކްއީންގެ ސަންދޯއްކޮޅާ ހިސާބަށް ދެވުނީ ކިޔޫގައި ހުންނަތާ 13 ގަޑިއިރު ފަހުންނެވެ.
އާމްނުންނާއެކު ބެކަމް ކިޔޫގައި ހުރެ، މީޑިއާތަކާ ވާހަކަދައްކަމުން ބުނީ، އެތައް ބަޔަކާއެކު ކިޔުގައި ހުރެވުމަކީ އުފަލެއް ކަމަށާއި އެންމެން ވެސް ތިބީ، ރާނީއަށް އިހުތިރާމް އަދާކުރުމަށް ކަމަށެވެ.
ވެސްޓްމިނިސްޓާ ހައުސް ހޯލުގައި ބާއްވާފައިވާ ރާނީގެ ސަންދޯކުގެ ކައިރީގައި ބެކަމް ހުރި ވަގުތު ފެނުނީ ފެންކަޅިވެފައި ހުރިތަނެވެ. ކިއޫގައި ހުރެ އޭނާ ދިން އިންޓަވިއުގައި ފާހަގަކޮށްފައިވަނީ އިނގިރޭސި ޖާޒީގައި ގައުމީ ސަލާމް ކިޔާ ކޮންމެ ފަހަރަކުން ވެސް ރާނީއަށް ދެވޭ ހާއްސަ ޝަރަފުގެ ހަނދާން އަބަދުވެސް ހުންނާނެ ކަމަށެވެ.
ރާނީގެ ސްންދޯއްކޮޅު ބާއްވާފައި އޮތް ވެސްޓްމިންސްޓާ އިން ފެށިގެން ގޮސް އެތައް މޭލެއްގެ ދުރުމިނަށް ކިޔު އޮތް އިރު، ބައެއް މީހުން ކިޔޫގައި 14-15 ގަޑި އިރު ހޭދަކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރާނީ އެލިޒަބަތަކީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖު 1952 ވަނަ އަހަރު އަވަހާރަ ވުމުން ރަނިކަމާ ހަވާލުވެވަޑައިގެން އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވުމުގެ ޝަރަފު އޮތް ރާނީއެވެ. އެކަމަނާ ވަނީ 70 އަހަރު ރަނިކަން ކުރައްވާފަ އެވެ.
ރާނީ އަވަހާރަ ވުމުން މިހާރު ރަސްކަލަކީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރު ޕްރިންސް ޗާލްސް އެވެ.