މި މަހުގެ 30 ގައި ސިނަމާތަކުގައި ރިލީޒްކުރުމަށް ނިންމާފައިވާ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ރިތިކް ރޯޝަން އާއި ސައިފް އަލީ ޚާން އެކުގައި ފެނިގެންދާ ފިލްމު "ވިކްރަމް ވޭދާ" 100 އަށް ވުރެ ގިނަ ގައުމެއްގައި އެއް ދުވަހެއްގައި ރިލީޒްކުރުމަށް ނިންމައިފި އެވެ.

މިއީ ހިންދީ ފިލްމެއް މިހާ ގިނަ ގައުމެއްގައި އެއް ދުވަހެއްގައި ރިލީޒްކުރާ ފުރަތަމަ ފަހަރު އެވެ.

"ވިކްރަމް ވޭދާ" އަކީ އެކްޝަން ތުރިލާ ފިލްމަކަށްވާއިރު ރިތިކް ފެންނާނީ ގޭންގް ސްޓާއެއްގެ ރޯލުންނެވެ. އަދި ސައިފް ފެންނާނީ ޕޮލިހެއްގެ ރޯލުންނެވެ.

ބޮލީވުޑްގެ ފިލްމުތަކަށް އިނގިރޭސިވިލާތާއި އުތުރު އެމެރިކާ އާއި ނިއު ޒީލޭންޑާއި އޮސްޓްރޭލިއާގެ އިތުރުން މެދުއިރުމަތިން އަބަދު ވެސް ބޮޑު މާކެޓެއް އޮވެ އެވެ.

އެގޮތުން މި ފަހަރު "ވިކްރަމް ވޭދާ" މި މަހުގެ 30 ގައި ޕްރީމިއާކުރާ އިރު، ބޮލީވުޑްގެ ފިލްމުތަކުގެ ފޯރި އެހާ ގަދަ ނޫން ބައެއް ހިސާބުތަކުގައި ވެސް މި ފިލްމު އަޅުވަން ޖެހިފައިވެ އެވެ. އެގޮތުން ޔޫރަޕްގެ 22 ގައުމަކާއި އެފްރިކާގެ 27 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ، ރަޝިއާ، ޖަޕާން، ޕެނަމާ އަދި ޕެރޫ ފަދަ ގައުމުތަކުގައި ވެސް "ވިކްރަމް ވޭދާ" ޕްރީމިއާކުރާނެ އެވެ.

ވިކްރަމް ވެދާއަކީ 2017 ގައި ރިލީޒްކުރި ތަމަޅަ ބްލޮކްބާސްޓާ "ވިކްރަމް ވެދާ" ގެ ހިންދީ ރީމެކެވެ. ހިންދީ ފިލްމަށް ވެސް އޮރިޖިނަލް ފިލްމުގެ ނަންދީފައިވާއިރު އެ ފިލްމުގެ ޑައިރެކްޓަރަކީ ތަމަޅަ ފިލްމު ޑައިރެކްޓްކުރި، ޕުޝްކާރު އާއި ގަޔަތުރީ އެވެ.

https://www.youtube.com/watch?v=nf51aIeEWa0&t=4s

ހިންދީ "ވިކްރަމް ވޭދާ" ހަދާފައި ވަނީ 175 ކްރޯޑް ރުޕީސް (22 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.