ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖާސޫސު ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިއާ ދެމީހުންގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބަލާތީ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގި ވޯޓުގައި 34 މެންބަރުން ވަނީ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގައި ވަނީ ވެލާނާ އެއާޕޯޓަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މައި ދޮރޯއްޓަށް ވެފައި، އެއީ އިގްތިސާދީ އެންމެ ބޮޑު މަންފާއެއް ލިބޭ ތަނަށްވެސް ވީހިނދު ދާދި ފަހުން އެތަނުގެ ސަލާމަތަށް ނުރައްކާ ވާފަދަ ހާދިސާއެއް ހިނގާފައިވާކަމަށެވެ. އަދި ބައިނަލްއަގުވާމީ މީޑިއާތަކުންވެސް މިހާދިސާއާއި ގުޅިގެން ކަންބޮޑުވާފަދަ ބިރުވެރި ވާހަކަތަކެއް ޝާއިއުކޮށްފައިވާތީ އެމައުލޫމާތުތަކަށް ބަލާއިރު މިހާދިސާ ހިނގުމުގެ ކުރިން މިފަދަ ބަޔަކު ހާއްސަ ބައްދަލުވުމެއް ބޭއްވިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވި އެވެ.

މިހާދިސާ ހިނގުމަށްފަހު އިންޑިއާ ސަރުކާރުގެ ދެ އޮފިޝަލަކު ރާއްޖެ އައިސް މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ދޫކޮށްލަން އެދިފައިވާކަމަށް މައުލޫމާތު ލިބޭކަމަށެވެ. އިންޑީއާ އޮފިޝަލުންގެ މި ބައްދަލުވުމަށްފަހު އިންޑިއާ ދެމީހުން ހައްޔަރުކުރި މައްސަލައިގެ އަސްލު ރިޕޯޓު ފޮރުވައި އެހެން ރިޕޯޓެއް ތައްޔާރުކޮށް ނެރުނުކަން ސައީދު ފާހަގަކުރެއްވި އެވެ.

"މިއީ ރޭވިގެން ހިނގާފައިވާ ވަރަށް ނުރައްކާތެރި އަމަލެއްކަމާއި އަދި މިކަމުގެ ބިރު އަވައްޓެރި ބައެއް ގައުމުތަކަށްވެސް އޮތްކަމަށް ހާމަކޮށްފައި ވީހިނދު އަދި މިހާދިސާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެގެން އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފައިވާތީއާއި އަދި ޖާސޫސް ކުރުމުގެ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާތީއާއި އެކަމާ ގުޅުންހުރި ބަޔަކު ފުރައިގެން ދިޔަކަންވެސް ހާމަވާތީއާއި އެމީހުން ދިޔައީ ވީޑީއޯ މެދުވެރިކޮށް އެއާޕޯޓުގައި ހިނގި ކަންކަން ލައިވްކުރަމުން ." ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ. ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ މިހާދިސާއާއި ގުޅިގެން މީޑިއާތަކަށްވެސް އެކަށީގެންވާ މައުލޫމާތު ފޯރުކޮށް ނުދޭކަން ފާހަގަކުރައްވައިފަ އެވެ. އަދި ރައްޔިތުންނަށްވެސް މައުލޫމާތު ސިއްރުކޮށް ހައްޔަރުކުރި އިންޑިއާ މީހުން ވީތަނެއް ފުލުހުންނަށްވެސް ނޭނގޭތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

"އަދި މިހާދިސާއާއި ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެގެން އިންޑިއާގެ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާތީއާއި އަދި ޖާސޫސު ކުރިކަމުގެ ހެކި ފުލުހުން ކޯޓަށް ހުށައަޅާފައިވާތީއާއި، އެކަމާ ގުޅުންހުރި ބަޔަކު ފުރައިގެން ދިޔަކަންވެސް ހާމަވާތީއާއި، އެމީހުން ދިޔައީ ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ހިނގަމުންދިޔަގޮތް ލައިވް ކުރަމުން ކަމަށްވާތީއާއި، ރާއްޖެއަށް ފޫނުބެއްދޭވަރުގެ، ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ އަމަލެއް ހިންގުމަށްޓަކައި އެމީހުން ތައްޔާރުވަމުން ދިޔައީ އެއާޕޯޓުގެ ސެކިއުރިޓީ ގޭޓުތައް ފަހަނައަޅާ، ޗެކިން ޕޮއިންޓުތަކާއި، ކަސްޓަމާއި އިމިގްރޭޝަނާއި އެއާޕޯޓުގެ ސެކިއުރިޓީއާއި އަދި ފުލުހުންނާއި އެމްއެންޑީއެފަށްވެސް ނޭނގި ކަމަށް ވާތީ" ކަމަށްވެސް މި މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.