މިދިޔަ ހޯމަ ދުވަހު މުޅި ދުނިޔޭގެ އެންމެންގެ ސަމާލުކަން ވެސް ހުއްޓިފައި އޮތީ ރަސްމީ އިއްޒަތުގައި ބޭއްވި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަގެ ޖަނާޒާ އަށެވެ. ފަސް ގަޑިއިރަށް ދެމިގެން ދިޔަ މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާއިރު ހާއްސަ ބައެއް ކަންކަން ވެސް ހިނގާފައިވެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ އެލިޒަބަތުގެ ޖަނާޒާގެ ތެރެއިން ފާހަގަވި ހާއްސަ ބައެއް ކަންކަމަށެވެ.

އޮޅު ޖަނަވާރުތައް

ރާނީގެ އޮޅު ކުއްތާތައް

ބުނެވޭ ގޮތުގައި އެލިޒަބަތަކީ ޖަނަވާރުންނަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެގޮތުން އޮޅު ޖަނަވާރުންގެ ގޮތުގައި ކޯގިސް ދެ ކުއްތާ ގެންގުޅުއްވި އިރު އާއްމުކޮށް އަހަށް ސަވާރުވެ އުޅުއްވި އެވެ. ޖަނާޒާގެ ތެރެއިން މި ދެ އޮޅު ކޯގިސްއާއި އެކަމަނާގެ އެންމެ ކަމުދާ އަސް އެމާ ވެސް ފެނުނެވެ.

ގަހަނާ

ކޭޓް މިޑްލްޓަން ރާނީގެ ޖަނާޒާގައި. ކޭޓް ހުންނެވީ ރާނީ ހަދިޔާ ކުރެއްވި ގަހަނާ ތުރު ކުރައްވައިގެން

އެލިޒަބަތުގެ ހަޔާތުގައި އެކަމަނާގެ ކޮންމެ ފެނިލުމަކުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަނީ ހެދުންތަކާއެކު އެކަމަނާ ބޭނުން ކުރައްވާ ޖަރީގެ ގަހަނާ ތަކެވެ. ރާނީއަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމުގެ ގޮތުން ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންއާއި ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލް ވެސް ވަނީ އެ ދެބޭފުޅުންނަށް ރާނީ ހަދިޔާކުރެއްވެވި ގަހަނާ ބޭނުން ކުރައްވާފަ އެވެ.

މިއުޒިކް

ޖަނާޒާގައި ވިންޑް ޕައިޕާ ކުޅެނީ

އިނގިރޭސިންގެ ސަގާފީ މިއުޒިކް އާލާތެއް ކަމަށްވާ ލޯން ޕައިޕާއަކީ ރާނީއަށް ހާއްސަ އާލާތެއް ކަމަށްވެ އެވެ. ބަކިންހަމް ޕެލެސްގައި ކޮންމެ ދުވަހަކު ވެސް 15 މިނެޓު ވަންދެން މި އާލާތުން މިއުޒިކް ކުޅެވެ އެވެ. ވެސްޓް މިނިސްޓާ އެބީގައި ބޭއްވި ރާނީގެ ޖަނާޒާގެ ފުރަތަމަ ބައި ނިންމާލީ މި އާލާތް ބޭނުންކޮށްގެން ކުޅުނު މިއުޒިކުންނެވެ.