ރަސްކަމަށް އަލަށް އިސްވެ ވަޑައިގެންނެވި ރަސްގެފާނު ޗާލްސް އޭނާގެ ދަނބިދަރިކަނބަލުން މޭގަން މާކަލްއާއެކު ވަކިން ބައްދަލުވުމެއް ބާއްވަން އެދެފި އެވެ.
ރަސްގެފާނާ ވަކިން ބައްދަލުކުރަން މޭގަން އެދިފައި ވަނީ އެ މަނިކުފާނަށް މޭގަން ފޮނުވި ރަސްމީ ސިޓީއެއްގަ އެވެ.
އިނގިރޭސި ޝާހީ އާއިލާގެ އޮފިޝަލަކު ވިދާޅުވިގޮތުގައި މޭގަން އެނބުރި ކެލިފޯނިއާއަށް ދިއުމުގެކުރިން ރަސްގެފާނާ ވަކިން ބައްދަލުކުރައްވަން ބޭނުންވާ ކަމަށް މޭގަން އެ ސިޓީގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މިއީ ގުޅުންތައް ރަނގަޅުކުރަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި ހެރީއާއި މޭގަންގެ ނިންމުންތަކުގެ ސަބަބުތައް ކިޔައިދޭން ބޭނުންވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ޕްރިންސް ހެރީއާއި މޭގަން މާކަލް ޝާހީ އާއިލާއިން ވަކިވުމަށްފަހު ރަސްގެފާނު ޗާލްސްއާ އެ ދެމީހުންގެ ގުޅުން ހީނަރުވެފައިވާއިރު، މޭގަންގެ މި އެދުމަކީ ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރަން ރަނގަޅު ފިޔަވަޅެއް ކަމަށް ޝާހީ އާއިލާއިން ބުނެ އެވެ.
މޭގަންގެ މި އެދުމަކީ ހިތްވަރު ބޭނުންވާނެ އެދުމެއް ކަަމަށާއި މިއީ އަވަހާރަވެފައިވާ ރާނީ އެލިޒަބަތަށް އެރުވޭނެ އެންމެ އަގުހުރި ހަދިޔާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.