މަޝްހޫރު ތަރިންނާއި ވައްތަރު މީހުން ފެނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދެ އެވެ. ތަރިންނާއި އާދަޔާ ހިލާފަށް ވައްތަރުވުމުގެ ސަބަބުން ފޭނުން ހައިރާންކޮށްލަ އެވެ.

ބޮލީވުޑްގެ ގިނަ ފަންނާނުންނާ ވެސް ވައްތަރު އެތައް ބަޔަކާއި މިހާރު ދިމާވެއްޖެ އެވެ. މިފަހަރު މިއޮތީ އަނިލް ކަޕޫރާއި ވައްތަރު މީހެއް ފެނިފަ އެވެ.

ނަވާރަސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު "ހަމާރޭ ތުމްހާރޭ" އިން ބޮލީވުޑަށް ނުކުތް ކާމިޔާބު އެކްޓަރު އަނިލް ކަޕޫރާއި ވައްތަރު މީހެއް ދާދިފަހުން މިވަނީ މީހުންގެ ސަމާލުކަމަށް އައިސްފަ އެވެ. މިއީ އެމެރިކާއަށް ނިސްބަތްވާ ޖޯން އެފާ އެވެ.

ބޮޑީބިލްޑަރެއް އަދި ކޯޗެއް ކަމަށްވާ ޖޯން އެފާ ދާދިފަހުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ސެލްފީއަކާއެކު އަނިލް ކަޕޫރުގެ ކުރީގެ ފޮޓޯއެއް ވަނީ ހިއްސާކޮށްފަ އެވެ.

އެ ފޮޓޯ ޕޯސްޓްކުރުމާއެކު އެވަނީ ވައިރަލްވެފަ އެވެ. ފޮޓޯ ޕޯސްޓުކުރުމަށްފަހު ޖޯން ބުނީ ބޮލީވުޑުން ކޯލެއް އާދޭތޯ އޭނާ އިންތިޒާރުގައި ހުރި ކަމަށެވެ. އެ ޕޯސްޓަށް މީހަކު ކޮމެންޓްކުރަމުން ބުނީ ޖޯން ބޮލީވުޑަށް ދާން މާގިނަ ދުވަހެއް ނެތް ކަމަށާއި ފުލުފުލުގައި ދެން ކޯލުތައް އޭނާ އަށް އަންނާނެ ކަމަށެވެ.

ޖޯންގެ ޕޯސްޓަށް އަނިލް ކަޕޫރު އަދި ޖަވާބެއް ދީފައި ނުވި ނަމަވެސް. އެ ޕޯސްޓަށް ކޮމެންޓްކުރި ގިނަ ބަޔަކު ބުނެފައިވަނީ ޖޯން އާއި އަނިލް އާއި ވަރަށް ވައްތަރު ކަމަށެވެ.

އަނިލް އާއި ވައްތަރު މީހެއް ފެނިގެންދިޔަ އިރު މީގެ ކުރިން ވަނީ ޕްރިޔަންކާ ޗޯޕްރާ، ޕަރިނީތީ ޗޯޕްރާ، ކެޓްރީނާ ކައިފް، ދީޕިކާ ޕަޑުކޯން، ޓައިގާ ޝްރޮފް އަދި ވިރާޓް ކޯލީ އާއި ވެސް ވައްތަރު މީހުން ފެނިގެން ގޮސްފަ އެވެ.