ބޮލީވުޑްގެ މަޝްހޫރު ތަރި އިމްރާން ހާޝްމީީ ފެނުމުން ކަޝްމީރު ރައްޔިތުން ގާއުކައިފި ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

އިންޑިއާގެ ނޫހަކުން ބުނިގޮތުގައި އިމްރާނުގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރެއިން ފިލްމެއްގެ މަސައްކަތާ ގުޅިގެން އޭނާ ވަނީ ކަޝްމީރަށް ގޮސްފަ އެވެ. އަދި ކަޝްމީރަށް ދިއުމުން ކަޝްމީރުގެ ރައްޔިތުން އޭނާ ފެނި، ރުޅިއައި ކަމަށާއި، އިމްރާނާ ދިމާއަށް ގައު އުކި ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މި ހަބަރުތައް ދޮގު ކުރަމުން އިމްރާނު ބުނީ، ކަޝްމީރުގެ ރައްޔިތުން އޭނާއަށް އެއްވެސް ގޯނާއެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަށް އަނިޔާވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭގެ އިތުރުން ކަޝްމީރުގެ ރައްޔިތުން އޭނާއަށް މަރުހަބާކީ ކަން ފާހަގަކޮށް އިމްރާނު ބުނީ، ކަޝްމީރުގެ ރައްޔިތުންނަކީ ހެޔޮ ހިތެއްގެ ވެރިން ކަމަށެވެ.

އިމްރާނަކީ ބޮލީވުޑް އިންޑަސްޓްރީގައި ކާމިޔާބު ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ތަރިއެކެވެ. އެގޮތުން އޭނާ އެންމެ ފަހުން "ލުޓް ގަޔޭ" ނަމަކަށް ކިޔާ ލަވައިން ފެނިފައިވާއިރު، އެ ލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވެ އެވެ.