ކީވް (24 ސެޕްޓެމްބަރު) - އީރާނުން ރަޝިއާއަށް ހަނގުރާމައިގައި ބޭނުންކުރަން ޑްރޯން ފޯރުކޮށްދީފައިވާ ކަމަށް ބުނެ ޔޫކްރެއިނުން އެގައުމާއެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައިފި އެވެ.

ޔޫކްރެއިންއިން މިކަން އިއުލާން ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޔޫކްރެއިންގެ ވައިގެ ސަރަހައްދުން އީރާނުގެ ހަތަރު ޑްރޯންއެއް ފާހަގަކޮށް ވައްޓާލައިފައިވާ ކަމަށް އެ ގައުމުން ބުނެފައި ވަނިކޮށެވެ.

ޔޫކްރެއިންގެ އިތުރުން އެމެރިކާއިން ވެސް ވަނީ ރަޝިއާއަށް ހަނގުރާމައިގެ ހަތިޔާރު ފޮނުވުމުގެ ތުހުމަތު އީރާނަށް ކޮށްފަ އެވެ. އެހެން ނަމަވެސް އީރާނުން މި ތުހުމަތުތަކަށް ދެކޮޅު ހަދަ އެވެ.

ޔޫކްރެއިނުން ބުނީ އީރާނުން ރަޝިއާއަށް ޑްރޯން ފޯރުކޮށްދިނުމަކީ އެ ގައުމާއެކު އޮތް ގުޅުންތަކަށް ހީނަރުކަން ލިބުނު އަމަލެއް ކަމަށާއި މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިނިންމުމާއެކު ޔޫކްރެއިނުން ވަނީ އެގައުމުގައި ތިބި އީރާނުގެ ޑިޕްލޮމެޓިކް މުވައްޒަފުންގެ އަދަދު ބޮޑުތަނުން މަދުކޮށް އެމީހުން އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. -- އަލް އަރަބިއްޔާ