އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ އެކު ގިނަ ބައެއްގެ ހިތުގައި އުފެދުނު އެއް ސުވާލަކީ ބައިބައިވެފައިވާ ޝާހީ އާއިލާގެ ގުޅުންތަކަށް ބަދަލެއް އަންނާނެތޯ އެވެ.
ޝާހީ އާއިލާއާ ވަކިވެ ކެލިފޯނިއާގައި ދިރިއުޅުއްވަމުން އަންނަ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ރާނީގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމާ އެކު ގުޅުންތަކަށް އާ ދިރުމެއް ލިބޭޭނެ ކަމުގެ އުއްމީދު ގިނަ ބަޔަކަށް ލިބުނެވެ.
އެހެން ނަމަވެސް އާ ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމަށް ފަހު ޝާހީ އޮފީހުން އާއްމުކުރި ރަސްކަން ލިބޭ އޯޑަރުގެ ލިސްޓުގައި ޕްރިންސް ހެރީގެ ދަރިކަލުން އާޗީ އަދި ދަރިކަނބަލުން ލިލިބެޓްއަށް ޝާހީ ލަގަބު ދީފައެއް ނުވެ އެވެ.
މި ދެ ކުދިންނަށް ޕްރިންސް އަދި ޕްރިންސަސް ލަގަބުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ މާސްޓާ އަދި މިސް އެވެ. މިއާއެކު ޕްރިންސް ހެރީގެ ދަރިދަރިކަލުންނަށް އެ ކުދިންނަށް ހައްގު ޝާހީ ލަގަބު ލިބޭނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.
މި ނިންމުމަކީ މިހާރުގެ ރަސްގެފާނު ޕްރިންސް ހެރީގެ ބައްޕާފުޅު ޗާލްސް ތިންވަނައަށް އޮތް ނިންމުމަކަށްވާއިރު ހަބަރުތައް ބުނާ ގޮތުގައި ހެރީގެ ކުދިންނަށް ރަސްމީ ގޮތުން ޝާހީ ލަގަބު އެރުވުގެ ވިސްނުމެއް ރަސްގެފާނު ގެންގުޅުއްވަ އެވެ.
އެހެން ނަމަވެސް ބައެއް ހަބަރުތައް ބުނާ ގޮތުގައި ރަސްގެފާނުގެ މި ނިންމުން ބިނާވަނީ ޕްރިންސް ހެރީ ލިޔުއްވައި ނެރުމަށް ތައްޔާރު ވަމުން އަންނަ އޮޓޯބައޮގްރަފީ ފޮތަށެވެ.
ރާނީގެ ޖަނާޒާއަށް ފަހު ހެރީގެ ދެކަނބަލުން އަނބުރާ ކެލިފޯނިއާއަށް ގޮސްފައިވާއިރު އާއިލާގެ މެދުގައި ގުޅުންތައް ރަނގަޅުވި ކަމަކަށް ނުބެލެވެ އެވެ.